ޚަބަރު

ޙާލުގައި ޖެހުނު މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ދިނުމަށް ސަރުކާރު ވަނީ ނުކުޅެދިފައި - އިދިކޮޅު


އަލިފާނުގެ ޙާދިސާގައި ބޯހިޔާވަހިކަމަށް ބޭނުންވި ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ދިނުމުގައި ސަރުކާރު ނުކުޅެދިފައިވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަންސްގައި ވާހަކަފުޅުދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އަލިފާނުގެ ހާދިސާއަށް 7 ދުވަސް ވެގެންދާއިރު މިހާދިސާގައި ގެދޮރު ގެއްލުނު ފަރާތްތަކަށް މިހާތަނަށްވެސް ދާއިމީ ބޯހިޔާވަހިކަމެއް ފޯރުކޮށް ދެއްވިފައި ނުވާކަމަށެވެ.

މިކަމުން ދޭހަވަނީ ސަރުކާރަށް މިފަދަ ހާދިސާތަކުގައި ކަންކަން ބެލެހެއްޓޭނެ ވަރުގެ ޤާބިލްކަމެއް ނެތްކަމާއި، މިފަދަ ހާދިސާތަކުގައި ސަރުކާރު ނުކުޅެދުންތެރިވެފައިވާ މިންވަރުކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިހާރުން މިހާރަށްވެސް ސަރުކާރުން ކޮށްދޭންވީ ކަމަކީ މިޢާއިލާތަކަށް ބޯހިޔާވަހިކަމާއި އާންމު އަސާސީ ކަންކަން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އާދަމު ޝަރީފު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހަމައެކަނި ސަރުކާރަށް ފާޑުކިޔުމަކީވެސް މިކަމުގައި ހައްލެއް ނޫންކަމަށާ، މިފަދަ ކަންކަމުގައި ސަރުކާރަށް ނުކުރެވޭ ކަންކަން ހަނދާންކޮށްދިނުމަކީވެސް އިދިކޮޅު ފަރާތްތަކުގެ ޒިންމާއެއްކަަމަށެވެ. އަދި ނިމިދިޔަ ސަރުކާރުގައި މިފަދަ ހާދިސާތަކުން ސަލާމަތް ވުމަށް އެކަށީގެންވާ ފިޔަވަޅު އަޅައި ބޭނުންވާ ސާމާނު ހޯދާފައިވާނޭކަމަަށް ކުރިން ޑިފެންސް މިނިސްޓަރުގެ މަޤާމް ފުރުއްވި އާދަމް ޝަރީފްވަނީ ވިދާޅުވެފައެވެ.

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާފައިވާކަމަށް އިދިކޮޅު ޕީއެންސީ ބުނަމުންދާއިރު މާލޭގައި އަލިފާނުގެ ހާދިސާއެއް ހިންގުމުން ސިފައިންނަށް އަލިފާން ނިއްވުމުގައި އަވަސްގޮތަކަށް ހަރަކާތްތެރިވެވޭނެ ގޮތެއް ހެދުމަށް މަޖީދީމަގުގައި ގާއިމްކޮށްފައިވާ ނިޒާމުގެ މަސައްކަތް ނިންމާފައިނުވާކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެ މަސައްކަތް ނިންމާފައި ނުވަނީސް އެމްއާރުޑީސީއަށް އެ މަސައްކަތުގެ އަގަށް ވާ ފައިސާ ކުރީގެ ސަރުކާރުން ދީފައިވާކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.