ޚަބަރު

ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗު ވޮލީބޯޅަ މުބާރާތަކީ ރާއްޖޭ ކުރިއަރަން ލިބޭ ރަނގަޅު ފުރުޞަތެއް - ސައްޔިދު ޢަލީ


ވައްކަރު މޯލްޑިވްސްގައި ފަށަން ތައްޔާރުވާ ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗު ވޮލީބޯޅަ މުބާރާތަކީ ރާއްޖޭގައި އެ ކުޅިވަރު ކުރިއަރުވަން ލިބޭ ރަނގަޅު ފުރުޞަތެއްކަމަށް މޯލްޑިވްސް ވޮލީބޯޅަ ވެޓަރަންސްގެ ރައީސް ސައްޔިދް ޢަލީ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ވޮލީބޯޅަ ވެޓަރަންސްއާއ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް ގުޅިގެން ބާއްވާ މުބާރާތާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސައްޔިދު ޢަލީ ވިދާޅުވީ މި މުބާރާތް ކޮންމެ އަހަރަކުވެސް ބޭއްވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށެވެ. އަދި މި އަހަރު އައިއޯއައިޖީގައި ބީޗު ވޮލީން ރިހި މެޑަލް ހޯދުމުން، މި އަހަރު މުޅިން އަލަށް މި މުބާރާތް ބާއްވަން ފެށުމަކީ މުބާރާތަށްވެސް ލިބޭ ވަރަށް ބޮޑު ޚާއްސަކަމެއްކަމަށްވެސް ސައްޔިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބީޗު ވޮލީބޯޅައަކީ ރާއްޖޭގައި ރަނގަޅު ފެންވަރެއްގައި ތަރައްޤީވެފައި ކޮންމެހެން އޮންނަންޖެހޭ ކުޅިވަރެއް ކަމަށާއި ސަރުކާރުގެ ބޮޑު އެއްބާރުލުމަކާއިއެކު ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ވާދަކުރާ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތަކީ ރާއްޖޭގެ ބީޗު ވޮލީބޯޅައިގެ ކުރިމަގަށް ބަލާނަމަ ހެޔޮ ފާލެއް ކަމަށެވެ.

"އަޅުގަނޑުމެން މި މުބާރާތް ބައްވަން މިފަށަނީ ކޮންމެ އަހަރަކުވެސް އެނުއަލް މުބާރާތެއް ގޮތަށް މިމުބާރާތް ބޭއްވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމަކާއިއެކު. އަނެއްކޮޅުން ބީޗްވޮލީއަކީ ކޮންމެހެން ރާއްޖޭގަ ތަރައްގީވެފައި އޮންނަންވާނެ ކުޅިވަރެއް، އެހްނަވީމަ ދުނިޔޭގެ ވަރުގަދަ ޕެއާތަށް އައިސް ރާއްޖޭގަ ދިވެހި ޕެއާތަކާއެކު މިފަދަ މުބާރާތެއް ބޭއްވެން ފެށުން މިއީ ރާއްޖޭގެ ބީޗްވޮލީގެ މުސްތަގުބަލު އުޖާލާކޮށް ފެންނަ ރަނގަޅު ފާލައެއް" ސައްޔިދު އަލީ ވިދާޅުވިއެވެ.

މި މުބާރާތުގައި އުތުރު އެމެރިކާ އަދި ދެކުނު އެމެރިކާގެ ޤައުމުތަކާއި އޮސްޓްރޭލިއާގެ އިތުރުން ވިލާތުގެ ޤައުމުތަކާއި އޭޝިޔާގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވާދަކުރާނެއެވެ.