ތަފާތު ކަންކަމުގައި މުއައްއަސަސާތަކުން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް އެކީގައި ޤައުމީ ލެވެލެއްގައި ހިންގުމަށް ދައުލަތުގެ މުއައްއަސާޔތަކާއިއެކު އިލެކްޝަން ކޮމިޝަނުން މަޝްވަރާކުރައްވައިފިއެވެ.
އިލެކްޝަން ކޮމިޝަންގައި އޮތް މިބައްދަލުވުމާ ގުޅޭގޮތުން އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މުއައްއަސަސާތަކުން ހިންގާ ހޭލުންތެރިކަމުގެ ޕްރޮގުރާމުތައް ވަކިވަކިން ހިންގުމުގެ ބަދަލުގައި އެކީގައި ޤައުމީ ލެވެލެއްގައ ހިންގުމަކީ މުހިންމުކަމެއްކަމަށެވެ.
ގިނަ މުއައްއަސަސާތަކުން ހިންގާ ޕްރޮގުރާމުތަކަކީ ޤައުމީ ކަންކަމާ ނުހަނު ގުޅިފައިވާ ޕްރޮގުރާމުތަކަކަށްވާއިރު ގުޅިގެން މިކަން ކުރެވޭނެ ގޮތަކާގުޅޭގޮތުން މުއައްއަސާތަކުގެ މެދުގައި މިއަދު މަޝްވަރާ ކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ ބަޖެޓްގެ ބޮޑުބައެއް ހޭލުންތެރިކަމުގެ ޕްރޮގުރާމުތަކަށް ކަނޑައެޅިފައިވީނަމަވެސް ބަޖެޓް އެކި މުއައްއަސަސާތަކަށް ބަހާލުމުން އޮންނަނީ ވަރަށް ކުޑަ މިންވަރެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ހުރިހަ މުއައްސަސާތަކުން ގުޅިގެން ޕްރޮގުރާމުތައް ހިންގާނަމަ ބަޖެޓްގެ މައްސަލައައްވެސް ހައްލެއް ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. މިކަމާއި ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާއާއި ކަމާއިބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން އިސްނަގައިގެން ފަށްޓަވާފައިވާ މިމަސައްކަތަކީ ޤައުމީ ލެވެލްގައި ހިންގުމަށް އެކޮމިޝަންތަކުން ކުރަމުންދާ މަސައްކަތެކެވެ.