ވިޔަފާރި

ރާއްޖޭގެ މެރިޓައިމް ސިނާޢަތަށް އިތުރު ދިވެހިން ބޭނުންވޭ


ބޯޓުދަތުރުފަހަރު ކުރުމަކީ ދިވެހިންގެ މެދުގައިވެސް އެއް އިރެއްގައި ވަރަށް މަޤްބޫލު މަސައްކަތެވެ. އެންމެ ބޮޑު ޢާމްދަނީއެއް ހޯދާ އެއް މަސައްކަތްވެސްމެއެވެ. ނަމަވެސް މިހާރު މިސިނާޢަތުގައި މަސައްކަތް ކުރާ ދިވެހިންގެ ޢަދަދު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ދުނިޔޭގެ މެރިޓައިމް ދުވަސް މިއަދު ފާހަގަކުރާއިރު، ރާއްޖޭގައި މި ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

މެރިޓައިމް ސިނާޢަތަކީ ރާއްޖޭގެ އިޤްތިޞާދުގައިވެސް މުހިއްމު ދަޢުރެއް އަދާކުރާ ސިނާޢަތެކެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ބޮޑުބައެއް އެތެރެވަނީ ކަނޑުމަގުންކަން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތުން ދަތުރުފަތުރުކުރުމުގައި ގިނަ ބަޔަކު ބަރޯސާވަނީ ކަނޑުއުޅަނދުފަހަރަށްކަމަށްވެފައި، އެއްރަށުން އަނެއް ރަށަށް މުދާ އުފުލުމުގައިވެސް އަދިވެސް ގިނަ ބަޔަކު ބަރޯސާވަނީ ކަނޑުއުޅަނދުފަހަރަށެވެ.

80ގެ އަހަރުތަކާއި 90ގެ އަހަރުތަކަށް ޖެހިލާއިރު، ރާއްޖޭގައިވެސް ބޯޓުދަތުރުކުރާ ދިވެހިންގެ ޢަދަދު ނިސްބަތުން ގިނަކަން ފާހަގަކޮށްލެވެއެވެ. އަދި އެޒަމާނަށް ބަލާނަމަ އެމަސައްކަތް ވެފައިވަނީ އެންމެ ބޮޑު ޢާމްދަނީއެއްވެސް ލިބޭ އެއް މަސައްކަތުގެ ގޮތުގައެވެ. ނަމަވެސް ފަހަކަށްއައިސް ދިވެހިން މިސިނާޢަތުގައި ހަރަކާތްތެރިވާ މިންވަރު ވަރަށް ބޮޑުތަން ވަނީ ދަށަށްގޮސްފައެވެ.

އެގޮތުން ފާއިތުވި 10 ވަރަކަށް އަހަރު ބޯޓު ދަތުރުކުރަންދިޔަ ދިވެހިންގެ ނިސްބަތް އަށްޑިހަ އިންސައްތައަށްވުރެ ދަށަށް ގޮސްފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވެފައިވެއެވެ. އެ މިނިސްޓްރީން އާއްމުކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މީގެ 10 އަހަރު ކުރިއަށް ބަލާއިރު 1000 އަށްވުރެ ގިނަ ދިވެހިން ބޯޓު ދަތުރު ކުރަން އުޅުނެވެ. ނަމަވެސް މިޢަދަދު މަދުވެ، 2017ވަނަ އަހަރު ބޯޓު ދަތުރުކުރަން ދިޔަކަމަށް ރެކޯޑް ކޮށްފައިވަނީ 283 މީހުންނެވެ. އަދި 2018ވަނަ އަހަރު ބޯޓު ދަތުރުކުރަން ގޮސްފައިވާ ދިވެހިންގެ ޢަދަދު 273 އަރާއިރު، މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް މި ޢަދަދު އުޅެނީ 140 ގައެވެ.

މެރިޓައިމްގެ ސިނާޢަތަކީ ނުވަތަ ބޯޓުދަތުރުކުރުމުގެ މަސައްކަތަކީ ދިވެހިން ބޮޑު ޢާމްދަނީއެއް ހޯދަމުންދިޔަ މަސައްކަތެއްކަމުން، މި ދާއިރާއަށް އިތުރަށް ދިވެހިން ވެއްދުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން މިދާއިރާއިން އިތުރަށް ދިވެހިން ތަމްރީންކޮށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މެރިޓައިމް ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކާގޯއާއި ޝިޕިންގ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމެވެ. މެރިޓައިމް ދުވަސް ދުނިޔޭގެ ފެންވަރުގައި އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 1978 ވަނަ އަހަރެވެ. މި ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަން ފަށާފައިވަނީ ބޯޓުދަތުރުފަތުރު ކުރުމުގެ ކަންކަން ވިލަރެސްކޮށް ހަރުދަނާކުރުމަށް އުފައްދާފައިވާ އދ.އެޖެންސީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން، އައި.އެމް.އޯއަށް ވުޖޫދުވިތާ 20 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެންނެވެ.

އައި.އެމް.އޯ ވުޖޫދުވުމުގެ އެންމެ މުހިއްމު މަޤްޞަދަކީވެސް ޝިޕިންގ އިންޑަސްޓްރީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިގަންނަފަދަ ރެގިއުލޭޓްރީ ފްރޭމްވޯރކެއް އެކުލަވާލާ، ތަންފީޒުކުރުމެވެ. ދުނިޔޭގެ ޤައުމުތަކުގެ އިޤްތިޞާދު ކުރިއަރާ ތަރައްޤީވުމުގައި ޝިޕިންގ އިންޑަސްޓްރީއަކީ މުހިއްމު ދައުރެއް އަދާކުރާ ސިނާޢަތަކަށްވެފައި، މިސިނާޢަތުގައި ހުރި ގޮންޖެހުންތައް ނައްތާލާ، މުދާ ބަރުކޮށްގެން އެއް ޤައުމު އަނެއް ޤައުމަށް ދަތުރުކުރުމުގައި ފަސޭހަ މަގުތަކެއް ތަނަވަސްކޮށްދިނުމުގެ މަސައްކަތް އައި.އެމް.އޯއިން އަންނަނީ ކުރަމުންނެވެ. އައި.އެމް.އޯގެ މެމްބަަރު ޤައުމުތަކުގެ ގޮތުގައި 174 ޤައުމު ހިމެނޭއިރު، ދިވެހިރާއްޖެއިން އެ ޖަމްޢިއްޔާގެ މެމްބަރަކަށްވެފައިވަނީ 1967ވަނަ އަހަރެވެ.

މިއަހަރުގެ މެރިޓައިމް ދުވަހުގެ ޝިޢާރެއްގެ ގޮތުގައި އައި.އެމް.އޯއިން ކަނޑައަޅާފައިވަނީ "އެމްޕަވަރރިންގ ވިމަން އިން ދަ މެރިޓައިމް ކޮމިއުނިޓީ" ނުވަތަ މެރިޓައިމް ސިނާޢަތުގައި އަންހެނުން ބާރުވެރިކުރުވުން"އެވެ. މިއީ ވަކި ޖިންސަކަށްވީތީ ކުރާ ތަފާތުކުރުންތައް ނައްތާލުމަށް އދ.އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ޙާސިލުކުރުމަށް ބާރުދީ، އެކަމާމެދު ހޭލުންތެރިކަން އިތުރުކުރުވާ، މިސިނާޢަތަކީ އަންހެނުންނަށްވެސް ފުރުޞަތުއޮތް ދާއިރާއެއްކަން އަންގައިދިނުމުގެ ގޮތުން ކަނޑައެޅި ޝިޢާރެއްކަމަށް އައި.އެމް.އޯއިން ބުނެފައިވެއެވެ.