ޚަބަރު

އެމެޒޯން އަލިފާނުގެ ގެއްލުން މީޑިއާތަކުން ސިފަކުރާހާ ބޮޑެއްނޫން: ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ


އެމެޒޯން ޖަންގަލީގައި ރޯވި އަލިފާނުގެ ގެއްލުން މީޑިއާތަކުން ސިފަކުރަނީ އޮޅުވާލައިގެންކަމަށާއި އޭގެ ނުރައްކާތެރިކަން އެހާ ބޮޑުނޫންކަމަށް ބްރެޒިލްގެ ރައީސް ޚައީރް ބޮލްސޮނާރޯ ވިދާޅުވެއްޖެއެވެ.

އދގެ ޢާއްމު ޖަލްސާގައި ވާހަކަދައްކަވަމުން ބޮލްސޮނާރޯވަނީ އެމެޒޯން ޖަންގައްޔަކީ ބައިނަލްއަޤްވާމީ ތަރިކައެއްކަމުގައި ބުނާބުނުން ދޮގުކޮށްފައެވެ. އަދި ބޮލްސޮނާރޯވަނީ އެމެޒޯން ޖަންގަލި ޙިމާޔަތްކުރުމަށް ދެވޭ ބޭރުގެ ހުރިހާ އެހީތަކެއްވެސް ފޯރުކޮށްދެވެންވާނީ ބްރެޒިލްގެ ސިޔާދަތަށް އުނިކަމެއް ނާންނަފަދަގޮތަކަށްކަމަށް ވިދާޅުވެފައެވެ. އެމެޒޯން ޖަންގަލީގައި މިއަހަރު ރޯވި އަލިފާންގަނޑުގެ ސަބަބުން އެކަން ބައިނަލްއަޤްވާމީ ސަމާލުކަމަށްއައެވެ. ގިނަބަޔަކު މިކަން ސިފަކުރީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ފަހަތަށްއެޅުނު ފިޔަވަޅެއްގެގޮތުގައެވެ.

މީގެ އިތުރުން، ބިންސާފުކުރުމަށާއި ދަނޑުވެރިކަމުގެ އެކިއެކި މަސައްކަތަށް ބިން އިތުރުކުރުމަށް ގަސްތުގައި އަލިފާންޖަހާއިރު، އެ އަލިފާން ނިއްވާލުމުގައި އެދެވޭ މަސައްކަތެއް ބުރެޒިލް ސަރުކާރުން ނުކުރާތީ ބްރެޒިލްގެ ސަރުކާރަށް ވަރަށް ގިނަ ފާޑުކިއުންތައް ޢަމާޒުވިއެވެ. ބޮލްސޮނާރޯ ބުނެފައިވަނީ މޫސުމުގެ ސަބަބުން އަލިފާން ފެތުރުމަށް މަގުފަހިވީކަމަށާއި، މީޑިއާއިން އެ ބުނާފަދަ ގެއްލުންތަކެއް އަލިފާނުގެ ސަބަބުން އެމެޒޯން ޖަންގައްޔަށް ލިބިފައިނުވާކަމަށެވެ.

ކާނަތުފިޔައިގެ ފިކުރުގެ ރައީސް ބޮލްސޮނާރޯ ވެރިކަމާއި ޙަވާލުވީ އެމެޒޯން ޖަންގަލި އިތުރަށް ތަރަށްޤީކުރާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން އެމެޒޯން ޖަންގަލީގައި ދަނޑުވެރިކަން ފުޅާކޮށް، މަގުތައް ހަދައި، އާސާރީ ރިޒަރވްތައް ބަލާނެކަމަށް ވަޢުދުވެފައިވެއެވެ.

ދުނިޔެއަށް ބޭނުންވާ ކާނާ އުފެއްދުމަށް ބޭނުންކުރަނީ އެ ޤައުމުގެ ބިމުގެ އެންމެ %8 ކަމުގައި ފާހަގަކޮށް، އދގެ ޢާއްމު މަޖިލީހުގައި ބޮލްސޮނާރޯ ތަޤުރީރުދެއްވަމުން ވިދާޅުވީ ބްރެޒިލްއަކީ ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތުގައި އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ޤައުމުކަމަށެވެ.