ޚަބަރު

ދުނިޔޭގެ ކަނޑުތަކުގެ %30 ޙިމާޔަތްކުރެވޭނެގޮތަށް ކަންކަން ބައްޓަންކުރުމަށް ރައީސް ގޮވާލައްވައިފި


ދުނިޔޭގެ ކަނޑުތަކުގެ %30 ޙިމާޔަތްކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދިޔަ "ބްލޫ ލީޑަރސް ކޯލް ޓު އެކްޝަން އޮން އޯޝަން އެންޑް ކްލައިމެޓް ސަމިޓް"ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރިވުމަށް ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުގެ ޚާއްޞަ އަމާޒެއްކަން ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރިވުމާއި އެކަމުގެ އަސަރުތަކުން އަރައިގަނެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ޙިއްޞާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ޕެރިސް އެއްބަސްވުމާއި އެއްގޮތަށް ޖައްވަށް، ވިހަ ގޭސްތައް ދޫކުރާ މިންވަރު މަދުކުރުމަށް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ވިދާޅުވެފައެވެ.

ކަނޑާއި ކަނޑުގެ ދިރުންތަކަކީ ރާއްޖެ ފަދަ ޤައުމުތަކުގެ ދެމިއޮތުމާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެހިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރާއްޖެ ފަދަ ޤައުމުތަކަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ޤައުމު ކަމުގައެވެ. މިގޮތުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާ ރައީސުލްޖުމްހޫރިއްޔާވަނީ ދެމެހެއްޓެނިވި އަދި ކަނޑުތަކުގެ ދެމިއޮތުމަށް ބާރުއަޅާ އިޤްތިޞާދުތަކެއް ބިނާކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދުނިޔޭގެ ކަނޑުތަކުގެ %30 ޙިމާޔަތްކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ބައިނަލްއަޤްވާމީ ލީޑަރުން އެއްބަސްވެވަޑައިގެންނެވުމަށާ އަދި ކަނޑުތަކުގެ ބާކީ %70 އާއިމެދު 2020ގައި ކުންމިންގގައި ބާއްވާ އދ.ގެ ބަޔޯޑައިވާރސިޓީ ކޮންފަރެންސްގައި ޤައުމުތަކުން އެއްބަސްވުމެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ އިތުރު ދެއަތޮޅެއް ޔުނެސްކޯ ބަޔޯސްފިޔަރ ރިޒަރވްގެ ގޮތުގައި ރައްކާތެރިކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާކަމުގެ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާއި ޙިއްޞާ ކުރައްވާފައެވެ. އަދި އިޢާދަކުރަނިވި އީޖާދުތައް ބޭނުންކުރުމަށް ބާރުއެޅުމާއި، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ބާރުއަޅާ މިންގަނޑުތަކެއް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކަނޑުތަކުގެ ނާޒުކުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވެފައިވާ ނުރައްކަލާއި، ކަނޑަށް އުކާލެވޭ ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުތަކުގެ ދިރުންތައް މަރުވެ، ފަރުތައް ހަލާކުވެ، ރާއްޖޭގެ ޤުދުރަތީ ރީތިކަން ގެއްލެމުންދާކަމުގައި ވިދާޅުވިއެވެ. އަދި، މިމައްސަލަތައް ޙައްލު ކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

މި ބައްދަލުވުމުގައި، "އޯޝަން އެންޑް ކްރަޔޯސްފިއަރ އިން އަ ޗޭންޖިންގ ކްލައިމެޓް" (އެސް.އާރް.އޯ.ސީ.ސީ.) ގެ ޚާއްޞަ ރިޕޯޓުގެ ހޯދުންތަކުގެ މަޢުލޫމާތު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާ ވަނީ ޙިއްޞާކޮށްފައެވެ.