ޚަބަރު

މީހުން ސަލާމަތްކުރުމަށް ސިފައިން އަލިފާންގަނޑު ތެރެއަށް 18 ފަހަރު ވަތް - ޗީފް އޮފް ޑިފެންސްފޯސް


ހުކުރު ދުވަހު ހިންގި އަލިފާނުގެ ޙާދިސާގައި މީހުން ސަލާމަތްކުރުމާއި، އަލިފާން ނިއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރި ނުވަތަ އެންމެ މުހިންމު ދައުރެއް އަޑާކުރިބަޔަކީ ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ޓީމެވެ. އެޓީމުންވަނީ އަލިފާން ރޯވެފައިހުރި ގެތަކަށް ބިޔަ އަލިފާންގަނޑުގެތެރެއިން ލާފައި 18 ފަހަރެއްގެ މަތިން ވަދެ، މީހުން ސަލާމަތްކޮށްފައެވެ.

ހުކުރު ދުވަހުގެ އަލިފާނުގެ ޙާދިސާގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް ގިނަބަޔަކު ގުޅިގެންކުރި ބުރަ މަސައްކަތަކީ ނަމޫނާ މަސައްކަތްކެކެވެ. ޚާއްސަކޮށް ދިވެހި ސިފައިންގެ ފަޔަރ ފައިޓަރުންގެ މަސައްކަތަކީ ފާހަގަކޮށްލަން ޖެހޭ މަސައްކަތަކެވެ. ޙާދިސާ ހިންގިތާ 6 މިނެޓުތެރޭ ފަޔަރ ފައިޓަރުންނާއި، އަލިފާން ނިއްވާ ވެހިކަލްތައް އެސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. ގުދަނުގައި ހުރި ތަކެތި ގޮވަން ފެށުމާއިއެކު ފުރަތަމަވެސް އަލިފާންގަނޑު ފެތުރިގަތީ އާއްމުން ދިރިއުޅޭ ގެތަކަށެވެ.

ސިފައިންގެ އެންމެ އިސް މަސައްކަތަކަށްވީ އެސަރަޙައްދުން އާމުން ހުސްކޮށް، އަލިފާން ރޯވަމުންދިޔަ ގެތަކުން މީހުން ސަލާމަތްކުރުމެވެ. ސިފައިން އެދުވަހު ހިންގި އޮޕަރޭޝަނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ސިފައިން އެދުވަހު ދެއްކި ނަމޫނާއަކީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ކުރި ބުރަ މަސައްކަތްތަކަށެވެ.

"ވެހިކަލްތަކުގެ ހަރުގަނޑުތައް ބޭނުން ކުރަންވެސް ލަސްވާނެތީ މަޑުނުކޮށް، އެމީހުން އަވަސްވެގަތީ މީހުން ދިރިއުޅޭ އިމާރާތްތަކަށް ސިޑިން އަރައި މީހުން ސަލާމަތްކުރަން. އަލިފާންގަނޑުގެ ތެރެއިން ކަހަލަގޮތަކަށް 18 ވަރަކަށް ބުރު ވަތް، ގެތަކުން އާއިލާތަަށް ސަލާމަތްކުރަން. އަދި ހަމަ މީހުން ގޮވައިން ފޭބި ފަޔަރ ފައިޓަރެއް ވަރުބަލިވެ ނޭވާ ހާސްވެގެން ކޮލެޕްސްވި". ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ މަސައްކަތްތައް ބައްޓަންކުރީ އާމުންނަށް ވީހާވެސް ގެއްލުންތައް ކުުޑަވާނެގޮތަށް މަސައްކަތް ކުރުމަށްކަމަށެވެ. އެގޮތުން ގެތަކުން ނެރުނު ގިނަ މީހުންވެސް ނެރުނީ ދުމުގެ އަސަރު ކުރޑަވާނެހެން މާސްކް އަޅުވައިގެންކަމަށް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ޙާދިސާ ހިންގި ސަރަޙައްދަކީވެސް ރައްކާތެރިކަން ކުޑަ މާޙައުލެއްކަމަށާއި، އޮޕަރޭޝަންގައި އެކަމުގެ ދަތިކަންވެސް ވަރަށް ބޮޑަސް ދިމާވިކަމަށެވެ.

"އެއީ ނުރައްކާ ޒޯނެއް. މަތީ ފްލޯތަކުގައި ރޯވެފައި ހުރީމައި އޭސީގެ ބައިތަކާއި ކުޑަދޮރުތައްވެސް ވެއްޓި ކަންކަންވި." ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ މި ޙާދިސާ ވެގެން ގޮސްފައިމިވަނީ ސިފައިގެ ފަޔަރ ފައިޓިންގ މަސައްކަތްތަށްވެސް މުޅިން އާ ފިލާވަޅުތައް ލިބުނު ޙާދިސާއަކަށްކަމަށެވެ. އެގޮތުން އޮޕަރޭޝަން ކުރިއަށްދިޔަގޮތް ދިރާސާކޮށް، އެކަމާގުޅޭ ޑީޓެއިލް އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.

"މިކަމާގުޅޭ ޑީޓެއިލް އެސެސްމަންޓެއް ހަދާނަން. މިހާރަށްވުރެ ރަނގަޅު ކުރަންޖެހޭ ކަންކަން ބަލައި، މިފަދަކަމެއް ދިމާވެއްޖެނަމަ އޮޕަރޭޝަން ހަރުދަނާ ކުރެވޭނި އިތުރު ގޮށްތައް ބަލާނަން." ޢަބްދުއްﷲ ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ މާލެއަކީ މިފަދަ ޙާލަތެއްގައި އެހީވެދިނުމަށް އުނދަގު މާޙައުލެއް އޮތް ތަނެއްކަމަށެވެ. އެގޮތުން މަގުތައް ހަނިވުމާއި، މީހުން ތޮއްޖެހުމުގެ މައްސަލަ ޝަމާލް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ޝަމާލްވަނީ މީހުން ސަލާމަތްކުރުމާއި، އަލިފާން ނިއްވުމުގައި މުއައްސަސާތަކާއި އާއްމުންގެ ފަރާތުން ލިބުނު އެހީތަށް ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.