ވިޔަފާރި

ޓޫރިސްޓް އިންސްޕެކްޝަން ނިމުނުއިރު 1061 ތަނެއް ބަލާ ފާސްކޮށްފި


ޓޫރިސްޓުންނަށް ޙިދުމަތްދޭ 1061 ތަނެއް ޓޫރިޒަމް މިނިސްޓްރީން ބަލާ ފާސްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މި އިންސްޕެކްޝަން ފެށީ މިއަހަރުގެ ފެބްރުއަރީގައި 7 ވަނަ ދުވަހުއެވެ. އަދި މި އިންސްޕެކްޝަން މިމަހުގެ 20 ގައި ވަނީ ނިންމާލާފައެވެ.

އިންސްޕެކްޝަން ނިމުނުއިރު ރާއްޖޭގެ 20 އަތޮޅުގެ 1061 ތަނެއް ބަލާފާސްކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރޭގައި ޓޫރިސްޓް ރިޒޯޓްތަކާއި، ހޮޓާ، ޔޮޓް މެރީނާ، ގެސްޓްހައުސް އަދި ޑައިވް ސެންޓަރތައް ހިމެނެއެވެ.

"އަޅުގަނޑުމެންނަށް ރާއްޖޭގެ 20 އަތޮޅުގައި ހިންގާ ޓޫރިސްޓް ރިޒޯޓްތަކާއި، ހޮޓާ، ޔޮޓް މެރީނާ، ގެސްޓްހައުސް އަދި ޑައިވް ސެންޓަރުތައް ހިމެނޭ ގޮތަށް ޖުމްލަ 1061 އިންސްޕެކްޓްކުރެވިފައިވޭ. މީގެތެރޭގައި މީހުން ދިރިއުޅޭ 81 ރަށެއްގައި ހިންގާ ޓޫރިސްޓް ފެސިލިޓީތަކާއި، 143 ރިސޯޓް، 3 ޔޮޓް މެރީނާ، 10 ޓޫރިސްޓް ހޮޓެލް، 535 ޓޫރިސްޓް ގެސްޓްހައުސް، 194 ޑައިވް ސެންޓަރު ހިމެނޭ" ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މި ޓޫރިސްޓް އިންސްޕެކްޝަންތަކުގައި އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާއި، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، މުވައްޒަފުންނަށް ލިބެންހުރި ޙިދުމަތްތަކާއި، މުވައްޒަފުންގެ ހައްޤުތަކާއި ދިވެހި މުވައްޒަފުންތިބި މިންވަރު ބަލާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ ޑިސެމްބަރ 31ގެ ކުރިން ކޮންމެ ފެސިލިޓީއަކުން ފާހަގަވާ ކަންކަމާއި ރަނގަޅުކުރަންވީ ކަންކަން އަންގާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. ރަނގަޅުކުރަންވީ ކަންކަން އިސްލާހުކުރަން ވަގުތު ދިނުމަށްފަހު، އަންނަ އަހަރު އަނެއްކާވެސް އިންސްޕެކްޓް ކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.