ޚަބަރު

ބ އަތޮޅުގައި 1000 ހައުސިން ޔުނިޓް އަޅާނެ ރަށްތައް ކަނޑައަޅައިފި


ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވައުދުގެ ދަށުން ބ.އަތޮޅުގައި އެޅުމަށް ހަމަޖައްސާފައިވާ 1000 ހައުސިން ޔުނިޓް އަޅާނެ ރަށްތައް ކަނޑައަޅައިފިއެވެ.

ބ.އަތޮޅު ކައުންސިލުން ރަށްތަކުގެ ކައުންސިލްތަކަށް މިހާރުވަނީ ރަށްރަށުގައި ފްލެޓް އަޅަން ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް އަންގާފައެވެ. މި 1000 ހައުސިން ޔުނިޓް ބަހާލާފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް އެރަށެއްގެ އާބާދީގެ ނިސްބަތައް ބެލުމަށްފަހު، ހުރިހާ ރަށު ކައުންސިލް ތަކެއް ހިމެނޭގޮތައް ބޭއްވި ބައްދަލުވުމަށް ފަހުގައެވެ.

ބ.އަތޮޅުގައި އަޅާ 1000 ހައުސިން ޔުނިޓް އަޅާ ރަށްތައް

ކުޑަރިކިލު ( 44 ފްލެޓް )
ކަމަދޫ (36 ފްލެޓް)
ކެންދޫ (90 ފްލެޓް )
ކިހާދޫ (34 ފްލެޓް)
ދޮންފަނު (39 ފްލެޓް )
ދަރަވަންދޫ (78 ފްލެޓް)
މާޅޮސް (50 ފްލެޓް )
އޭދަފުށީ (229 ފްލެޓް)
ތުޅާދޫ (204 ފްލެޓް)
ހިތާދޫ (95 ފްލެޓް)
ފުޅަދޫ (25 ފްލެޓް)
ފެހެންދޫ ( 21 ފްލެޓް )
ގޮއިދޫ (55 ފްލެޓް )

މިހާރު ކުރިއަށްދަނީ މި ރަށްތަކުގައި ހައުސިން ޔުނިޓްތައް އަޅާނެތަންތަން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށާ، އެކަން ނިމުނުހާ އަވަހަކަށް މިކަމުގައި ސަރުކާރާއެކު ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމަށް ތައްޔާރުވަމުން ދާކަމަށް ބ.އަތޮޅު ކައުންސިލުން ބުނެއެވެ.

މި މަސައްކަތްތައް ނިންމައި، އަންނަ އަހަރު ކުރީކޮޅު މި ހައުސިން މަޝްރޫގެ މަސައްކަތް ފެށޭނެކަމަށް ލަފާކުރާކަމަށް ބ.އަތޮޅު ކައުންސިލުން ބުނެއެވެ.

ސަރުކާރުން އަންނަނީ ބ.އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއްް ކުރަމުންނެވެ. އެގޮތުން އޭދަފުށިން ދިރިއުޅުމަށް 158 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާ ގޯއްޗަށް އެދި ހުށައަޅާ ފޯމް ދޫކުރުމުގެ މަސައްކަތް އޭދަފުށީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. ބ.ތުޅާދޫގައި ކުރިއަށްދާ ހައުސިން މަޝްރޫޢު އަވަސްކުރުމަށްވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.