ޚަބަރު

އުސޫލުތަކުގެ ތެރެއިން މިސަރުކާރުން ދެމެހެއްޓެނިވި ތަރައްޤީ ގެނެސްދޭނޭ


ހަމަޔާއި އުސޫލުތަކުގެ ތެރެއިން މިސަރުކާރުން ދެމެހެއްޓެނިވި ތަރައްޤީ ގެނެސްދޭނޭކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު ބައެއް މީހުންގެ މެމްބަޝިޕް ފޯމު ޙަވާލުކުރުމަށް އެޕާޓީން ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ ސަރުކާރަށް ކަންކަން ނުކުރެވޭ ކަމަށްބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަކަތަކެއްކަމަށެވެ. ސަރުކާރުން މިހާރުވެސް ފަށާފައިވާ ކަންކަކަމާއި ކައިރި މުސްތަގުބަލެއްގައި ކުރަންރާވާފައިވާ ކަންކަމަށްބަލާއިރު ގިނަ ކަންތައްތަކެއް ހުރިކަން ޤާސިމް ވިދާޅުވިއެވެ.

މިސަރުކާރުން ތަރައްޤީ ގެނެސްދޭނީ ދުރުމުސްތަޤުބަލަށް ބަލައި އެކަންކަމުން ދެމެހެއްޓެނެވިގޮތެއްގައި ރައްޔިތުންނަށް މަންފާކުރާނޭ ގޮތަކަށް ކަމަށާ، މިސަރުކާރުން ތަރައްޤީ ގެނެސްދޭނެކަމުގައި ޤާސިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ ޖޭޕީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ މިފަދަ ކޮންމެ ޙަރަކާތަކީ ބައި ބޮޑުކޮށް ސަރުކާރު ވައްޓާލަން ކުރާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރާކަމަށެވެ. ސަރުކާރު ވައްޓާލައި ވެރިކަން ބޭނުންވެގެން އުޅެނީ ކާކުކަން ރައްޔިތުންނަށް އެގޭކަމަށާ، ވެރިކަން ވައްޓާލައި ޤައުމު ހަލަބޮލި ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

މަޖިލީހުގެތެރެއިން ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކުރައްވާކަމަށް ތުހުމަތުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ރާއްޖޭގައިއޮތް ނިޒާމު ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރު ފެންނަނީ ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަމުންދާތަން ކަމަށާ، ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ފުރިހަމަ ތާއީދު ސަރުކާރަށް އެބައޮތްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

މިހަފްލާގައި ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައިވާ ގިނަ މީހުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވި މެމްބަރުންކަން ފާހަގަކޮށްލެވެއެވެ.