ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ މައްސަލައިގެ ދަޢުވާގެ ޝަރީޢަތުގައި ޔާމީންގެ ދިފާއުގައި ދޭނެ ހެކިބަހެއް ނެތްކަމަށްް ގަވަރުނަރު ޢާއިޝަތު އަޒީމާ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ މިއަދުގެ އަޑުއެހެމުގައި އޮތީ ޔާމީންގެ ފަރާތުން ދިފާޢީ ހެއްކެއްގެގޮތުގައި ހުށަހެޅި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކިބަސް ނެގުމެވެ.
ކޯޓަށް ހާޒިރު ވެވެން ނެތްކަމަށްބުނެ އަޒީމާ ހުށަހަޅުއްވާފައިވާ ސިޓީގައި ވަނީ މިމައްސަލައިގައި އެކަމަނާގެ ފަރާތުން ދެވޭނެ ހެކިބަހެއް ނެތްކަމަށެވެ. އަދި މިވަގުތު ދިރުއުޅުއްވަމުންދަނީ ރާއްޖެއިން ބޭރުގައިކަމުން ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވެޑައިގަންނަވާކަމަށްވެސް އަޒީމާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން ދައުވާގެ މިއަދުގެ ޝަރީއަތުގައި ތާވަލުކޮށްފައިވަނީ އަޒީމާގެ ހެކިބަސް ނެގުމާއި މި މައްސަލާގެ ތަހުޤީގަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ ބަޔާން ދިން ވީޑިއޯ ޝަރީއަތުން ބެލުމާއި މެދު ގޮތެއް ނިންމުމެވެ.
މި މައްސަލާގެ ތަހުޤީޤަށް އެސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ބަޔާން ދެއްވި ވީޑިއޯ ބެލުމާއި މެދުވެސް ކޯޓުން މިއަދު ވަނީ ގޮތެއް ނިންމާފައެވެ. އެ ގޮތުން އެ ވީޑިއޯ ކޯޓުން ބަލާނެކަމަށާއި އެހެންނަމަވެސް އެ ވީޑިއޯ ބަލާނީ ޝަރީއަތުގެ މަޖިލިސްގައި ނޫންކަންވެސް މައްސަލަ ބައްލަވާ ގާޒީ ވަނީ ވިދާޅުވެފައެވެ. އަދި މައްސަލަ ރައްދުވާ ފަރާތުންވެސް އެ ވީޑިއޯ ބަލަން ބޭނުންވާނަމަ އެކަން ކޯޓުން ހަމަޖައްސަވާދެއްވާނެކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. ލުޠުފީގެ ވީޑިއޯ ބަލަން ނިންމުމުން ރައީސް ޔަމީންގެ ދިފާއީ ވަކީލުން މި މައްސަލައިގެ ތެރޭގައި އެ ވީޑިއޯ ނުބެލޭނަކަމަށް ވިދާޅުވުމުން ކޯޓުން އެކަން އެގޮތަށް ކުރަން ނިންމާފައިވާކަމަށާއި ކޯޓުގެ ނިންމުމަށް ޗެލެންޖެ ނުކުރުމަށް ގަޒީވަނީ އަންގަވާފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ހެއްކެއްގެގޮތުގައި ހުށަހަޅުއްވާ އަޒީމާވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު އެމްއެމްއޭގެ ޤަވަރުނަރުގެ މަޤާމް އަދާކުރައްވާފައެވެ. މި މައްސަލާގައި ދައުލަތުން ރައީސް ޔާމިނާއި ދެކޮޅަށް ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ވަނީ ނަގާ ނިމިފައެވެ.
ދައުލަތުން ހުށައެޅި ހެކިންގެ ތެރޭގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީއާއި އެކޮމިޝަނުގެ ކުރީގެ ނާއިބު ރައީސް މުއައްވިޒް ރަޝީދާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ހިމެނެއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އެސްއޯއެފް ކުންފުނިން އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެފައިސާއަކީ އަމިއްލަ ފައިސާކަމަށް ބުނެ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރި މައްސަލާގައެވެ.