ޚަބަރު

"އަލިފާނުގެ ނުރައްކަލުން ފުރާނަ ސަލާމަތްވީތީ ޝުކުރުކުރަން"


ހުކުރުދުވަހު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ޙާދިސާއާއިއެކު އެތައްބައެއްގެ ގެދޮރާއި މުދާ ގެއްލި، އެމީހުންގެ ދިރިއުޅުން މިވަނީ އެފުއްމިފުށަށް ޖެހިފައެވެ. އެމީހުން ބުނަމުންދަނީ އަލިފާނުގެ ނުރައްކަލުން ފުރާނަ ސަލާމަތްވިކަމަށްޓަކާ ޝުކުރު ކުރާކަމަށެވެ.

"ޙާލަތާއި މެދު ހިތާމައެއް ނުކުރަން، ސަލާމަތްވީތީ ޝުކުރު ކުރަން" އަލިފާނުގެ ބޮޑު ޙާދިސާގައި ޙާލުގައި ޖެހުނު ކޮންމެ މީހެއްގެ ދުލުން މިއަދު އަޅުގަނޑަށް އިވެމުންދިޔައީ މިބަސްތަކެވެ. ތޮއްޖެހި ކުދި ގޮޅިތަކެއްފަދަ މާލޭގެ ގެތަކުގައި އުޅެމުންދިޔަ އެޢާއިލާތައް މިއަދު ޝުކުރު ކުރަނީ އަލިފާނުގެ ބޮޑު ޙާދިސާއިން އަމިއްލަ ފުރާނަ ސަލާމަތް ވީތީއެވެ. ފުރާނައިގެ ކުރިމަތީގައި ގެދޮރާއި އަގުބޮޑު މުދަލަކީ އަގެއް ނެތް އެއްޗެއްކަން އެނގެނީ އެމީހުން އެމީހުންގެ ދަރިންނާއި، ދަރިންގެ ދަރިން މި ނުރައްކާތެރި ޙާދިސާއިން ސަލާމަތްވީތީ ހިތްހަމަޖެހިފައި ތިބި ތިބުމުންނެވެ.

ފުރަތަމަ އަލިފާން ރޯވިކަމަށް ބުނާ ގުދަނުގެ ކުރީމަތީގައި ހުރި ގޭގައި ދިރިއުޅެމުން އައި، އަދި މިހާރު ގާކޮށި ފްލެޓްގެ ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ޢުމުރުން 57އަހަރުގެ ހުމައިދާ ބުނީ އަލިފާންގަނޑު އައިސް އެމީހުން އުޅުނު ގެ ވަށައި "ބައްދާލި"އިރު، ސަމާމަތްވާން އޮތް ހަމައެކަނި ގޮތެއްކަމަށް އޭނާގެ ދަރިންނަށް އެވަގުތު ފެނުނީ ދެތިން ފޫޓުގެ ކުޑަ ވައިގޮޅިކަމަށެވެ.

"އަޅުގަނޑުގެ ތުއްތު މާމަ ދަރިފުޅު 2ވަނަ ފަންގިފިލައިން 1ވަނަ ފަންގިފިލާގައި ހުރި މީހެއްގެ އަތަށް އަޅުގަނޑުގެ ދަރިފުޅު އެއްލާލީ، ހިތާ ދެކޮޅަށް. ސަލާމަތްވާނެ އިތުރު އެއްވެސް ގޮތެއް ނެތިގެން. ކަމެއް ނުވެ ސަލާމަތްވީތީ މާތްﷲއަށް ޙަމްދު ކުރަން." ހުމައިދާ ޕީއެސްއެމް ނިއުސްއަށް ކިޔައިދިނެވެ.

މިހާރުވެސް އެތަށް ޢާއިލާތަކެއް ވަގުތީ ބޯހިޔާވަހިކަމުގައި، ފްލެޓްތަކާއި ގެސްޓް ހައުސްތަކުގައި އަންނަނީ ދިރިއުޅެމުންނެވެ. އެމީހުން ސިފަކުރަނީ މިއީ އެމީހުންގެ ޙަޔާތުގައިވެސް އެންމެ ހިތްދަތި ދުވަސްތަކުގެ ގޮތުގައެވެ. އެހެން ނަމަވެސް އެމީހުން ތިބީ ޙާލަތާމެދު އުފާކޮށް، އެކަމަށް ޝުކުރު ކޮށްގެންނެވެ.

"މިތާނގައި އަޅުގަނޑުމެންނަށް ގޮދަޑިއާއި އެއްޗެހި އެބަހުރި. ކެއްކޭނެ، އެއްޗެހި ދޮވެވޭނެ ގޮތެއް ނެތް. ގަބޫލުކުރަން މިއީ މިވަގުތަށް އެންމެ ރަނގަޅު ޙާލަތުކަމަށް. ޝުކުރު ކުރަން މިވަރަށްވެސް." ޙާދިސާގައި އަސަރުކުރި ފާރާތްތައް އެމީހުންގެ މިހާރުގެ ދިރިއުޅުން ސިފަކޮށްދިނެވެ.

ޙާދިސާގައި ގެއްލުންވި ކޮންމެ މީހަކަށްވެސް މިކަމުގެ އަސަރު ވަރަށްފުންކޮށް ކޮށްފައިވެއެވެ. އެމީހުންގެ ދިރިއުޅުން މުޅިން ބަދަލުކޮށްލި މި ޙާދިސާ ހަނދާންކޮށް އެވާހަކަ މިހާރު ދައްކަން ބޭނުން ނުވާކަމަށް ހާދިސާގައި ގެއްލުންވި ބައެއް މީހުން ބުނެއެވެ.

"ޙާދިސާ ކިޔައިދޭނެ ހިތްވަރެއް ނެތް. ހަނދާން ނައްތާލަން ބޭނުންވަނީ. ވަރަށް ހިތްދަތި ދުވަހެއް." ގާކޮށީގައި ވަގުތީ ބޯހިޔާގައި އުޅެމުންދިޔަ މުޙައްމަދު ހަސަން ޕީއެސްއެމްއަށް ކިޔައިދިނެވެ.

މި މީހުންނަށް ޢާއްމުޙާލަތަށް ދެވޭނެ ދުވަހެއް ނޭންގެއެވެ. ބޭނުންވަނީ އެހީތެރިކަމާއި އެއްބާރުލުމެވެ.
700އަށްވުރެ ގިނަ މީހުންނަށް މިހާދިސާގެ އަސަރު ކޮށްފައިވެއެވެ. އެމީހުނަށް އެހީވުމަށް ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުން އަންނައިރު މާލީ އެހީ ހޯދުމަށް ރިލީފް ފަންޑެއްވެސްވަނީ ހުޅުވާފައެވެ. އަދި އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ އާއްމު ފަރާތްތަކަށްވެސްވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.