ޚަބަރު

އުޅަނދުފަހަރަށް ތެޔޮއެޅުމާއި، ތެޔޮއުފުލުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރާނަން - ނާއިބު ރައީސް


އުޅަނދުފަހަރަށް ތެޔޮއެޅުމާއި ތެޔޮއުފުލާ އުޅަނދުފަހަރުގެ ކަންކަން ބަލައި މޮނިޓަރކުރުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ތެޔޮ ސަޕްލައިކުރުމުގެ މަސައްކަތްކުރާ ބައެއް ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މާލެ ސަރަހައްދުގައި މިހާރު ޕެޓްރޯލާއި ޑީސަލް ފަދަ ތަކެތި ސަޕްލައިކުރުމާއި، އޮޑިދޯނި ފަހަރަށް ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްދާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮޅުންފިލުއްވިއެވެ. އަދި މިހާރު ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދާ ސަރަޙައްދުތަކުގެ ޙާލަތު ހުރިގޮތާއި މިހާރަށްވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދިއުމާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި މިހާރު މާލޭގައި ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދާ ބައެއް ސަރަޙައްދުތަކުގެ އިންތިޒާމުތައް ރަނގަޅުކޮށް ކަންކަން ހަރުދަނާކުރުމަށް މިހާރުން މިހާރަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތައް އެބޭފުޅުންނާއި ޙިއްޞާކުރެއްވިއެވެ. އަދި އުޅަނދުފަހަރަށް ތެޔޮއެޅުމުގެ ކަންކަން ކައިރި މުސްތަޤުބަލެއްގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ވީހާވެސް ދުރަށް ބަދަލުކުރުމުގައި ސަރުކާރުގެ ވިސްނުން ހުރިގޮތް ހާމަކޮށްދެއްވައި މިހާރުން މިހާރަށްވެސް އުޅަނދުފަހަރަށް ތެޔޮއެޅުމާއި ތެޔޮއުފުލާ އުޅަނދުފަހަރުގެ ކަންކަން ބަލައި މޮނިޓަރކޮށް ކަންކަން ހަރުދަނާކުރުމަށް ބައެއް ކަހަލަ ބަދަލުތައް ގެންނަވާނެކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

އެސްޓީއޯއާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ އިތުރުން ޕޯޓްސް އޮތޯރިޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި، މިހާރު މާލެ ސަރަޙައްދުގައި ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދިއުމުގައި މިހާރުން މިހާރަށް ރަނގަޅުކުރަންހުރި ކަންކަމާއި ތެޔޮ ސަޕްލައި ކުރާ ފަރާތްތަކުގެ ހައިޞިއްޔަތުން ކަންކަން ރަނގަޅުކޮށް ހަރުދަނާކުރުމަށް އެފަރާތްތަކަށް އަދާކުރެވިދާނެ ދައުރު އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.