މި މަހު ސަޢުދީ ޢަރަބިއްޔާގެ ތެލުގެ ސިނާޢަތަށް ދިން ޙަމަލާގެ ފަހަތުގައިވަނީ އީރާނުކަމަށް ޤަބޫލުކުރެވޭކަމަށް ވިލާތުގެ ބާރުތައްކަމަށްވާ ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތުން ބުނެފިއެވެ.
އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދގެ ޢާއްމު މަޖިލީހުގެ ހަވާސާގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންއާ ފަރަންސޭސިވިލާތުގެ ރައީސް އެމާނުއަލް މެޚްރޯންއާއި ޖަރުމަނުވިލާތުގެ ޗާންސެލަރ އާންގެލަރ މަރކެލް ބައްދަލުކުރެއްވުމަށްފަހު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޙަމަލާގެ ފަހަތުގައިވަނީ އީރާނުކަމާމެދު އެއްވެސް ޝައްކެއްނެތްކަމަށާ މިކަން ސާބިތުކުރުމަށް ކުރިޔަށްގެންދާ ތަޙްޤީޤުތަކަށް ވިލާތުގެ ބާރުތަކުން ތާޢީދުކުރާކަމަށެވެ. އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި އެ ޤައުމުން އަލުން އަނެއްކާ ދުނިޔޭގެ ބާރުތަކާއެކު މަޝްވަރާކުރުމަށްވެސް މި ތިން ޤައުމުންވަނީ ގޮވާލާފައެވެ.
އަދި މިކަމުގައި ދިގު މުއްދަތުގެ އެއްބަސްވުމެއް ޤާއިމުކުރުމަށް އެކަމާ ގުޅޭގޮތުން މަޝްވަރާކުރަންޖެހޭކަމަށާ ނިއުކްލިއަރ މައްސަލައިގެ އިތުރުން އީރާނުގެ ބެލިސްޓިކް މިސައިލްގެ މައްސަލައާ ސަރަޙައްދުގައި އެ ޤައުމުން ހިންގާ އެކިއެކި ޙަރަކާތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރަންޖެހޭކަމަށްވެސް ވިލާތުގެ ބާރުތަކުންވަނީ ބުނެފައެވެ.
މީގެ ދެ ހަފުތާކުރިން ސަޢުދީ ޢަރަބިއްޔާއަށް ދިން ޙަމަލާގައި ތެލުގެ ސިނާޢަތަށް މުހިއްމު ކާރުޚާނާއަކާ ތެޔޮ ދަނޑަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު މި ޙަމަލާގެ ޒިންމާ އުފުލީ ޔަމަނުގެ އިދިކޮޅު ހޫޘީ ޖަމާޢަތުންނެވެ. އެހެންނަމަވެސް ސަޢުދީ ޢަރަބިއްޔާއާ އެމެރިކާއިން ބުނެފައިވަނީ މި ޙަމަލާގެ ފަހަތުގައިވަނީ އީރާނުކަމަށާ މިކަމަށް ބާރުދޭ ހެކި ލިބިފައިވާކަމަށެވެ. އީރާނުން މި ތުޙުމަތުތައް ދޮގުކުރެއެވެ.