ޚަބަރު

ދިގުރަށުގައި ސަރުކާރުން ތަރައްޤީޤެ މަޝްރޫއެއް ކުރިއަށް ނުގެންދާތާ 11 އަހަރު


އދ.ދިގުރަށަަކީ އާބާދީގައި ގާތްގަނޑަކަށް ހަސަތޭކައެއްހާ މީހުން ދިރިއުޅެމުންއަންނަ ބިން ބޮޑު ރަށެކެވެ. ލޯކަލް ޓޫރިޒަމާއި ޑައިވިންފަދަ ފަތުުރުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ މި ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ ނަރުދަމާ ނިޒާމެއް ޤާއިމުވެފައި ނެތުމާއި ރަށްގިރުމުގެ މައްސަލަކަމަށް އެރަށު ކައުންސިލާއި ރައްޔިތުން ބުނެއެވެ.

ދިގުރަށު ކައުންސިލްގެ މެމްބަރ އިމްރާން އާދަމް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ އެރަށުގައި ތަރައްގީގެ މަޝްރޫޢެއް ސަރުކާރުން ނުހިންގާތާ މިހާރު 11 އަހަރުވެފައިވާކަމަށެވެ. އަދި އެކި ފަހަރުމަތިން ސަރުކާރުގެ މުވައްސަސާތަކާއި ބައްދަލުކޮށް، ރައްޔިތުންނާއި ކައުންސިލުގެ ކަންބޮޑުވުންތައްް ހިއްސާ ކޮށްފައިވާކަން އިމްރާން ފާހަގަ ކުރެއްވިއެވެ.

އިމްރާން ވިދާޅުވީ ދިގުރަށަކީ ފަތުރުވެރިކަން ފުޅާވަމުންއަންނަ ރަށަކަށްވާއިރު އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނެތުމަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އެރަށުގައި ނަރުދަމާ ނިޒާމަކަށް ބޭނުންކުރަނީ ރައްޔިތުން އަޅާފައިވާ ހޮޅިތަކެއްކަމަށެވެ. އަދި ރާޅު ބޮޑުވެ އޮއެ ބާރުވާ ދުވަސްތަކުގައި އެ ހޮޅިތައް ފަޅައިގެންގޮސް ފަޅުތެރެއަށް ނަޖިސް ބޭރުވާކަމަށެވެ.

އިމްރާން ވިދާޅުވި ދިގުރަށަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ ދުވަހަކުވެސް ޚިދުމަތް ހޯދާ ރަށެއްކަމުން ފަތުރުވެރިންގެ ފަރާތުންވެސް މިފަދަ ކަންކަމާ ގުޅޭގޮތުން ކަންބޮޑުވުމާއި ޝަކުވާތައް ލިބޭކަމަށެވެ. އަދި މިކަމުގެ އަސަރު ދިގުރަށުގެ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއަށްވެސް ކުރާކަން އިމްރާން ފާހަގަކުރެއްވިއެވެ.

ދިގުރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް 136 ކޮޓަރި ރަޖިސްޓަރކޮށް ހިންގާއިރު 200އަށްވުރެ ގިނަ އެނދު ހުރެއެވެ. އެހެންކަމުން އެރަށަކީ ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރަށް ޓެކްސްގެ ގޮތުގައިވެސް ގިނަ އަދަދެއްގެ ފައިސާ ލިބޭ ރަށެކެވެ.

ގެސްޓުހައުސް ވިޔަފާރި ފުޅާވަމުން އަންނައިރު އެ ޚިދުމަތުގައު ބޭނުންކުރާ ލޯންޗުފަހަރާއި ކަނޑު އުޅަނދުތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން އެރަށުގައި ހިންގާ ކޮންމެ ގެސްޓް ހައުސްއެއްގައި ދެ ކަނޑު އުޅަނދު ގެންގުޅޭއިރު، މިހާރު އެރަށުގައި ބޭނުންކުރާ ބަނދަރަކީ އެންމެ އެކަށީގެންވާ ވަރުގެ ބަނދަރެއް ނޫންކަންވެސް އެރަށު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ދިގުރަށުގެ ބަނދަރަކީ މީގެ އެގާރަ އަހަރު ކުރިން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރެކެވެ. އޭގެ ފަހުން ސަރުކާރުން އެފަދަ ތަރައްޤީގެ މަޝްރޫއެއް އެރަށުގައި ހިންގާފައި ނުވާކަމަށް ކައުންސިލުން ބުނެއެވެ. ދިގުރަށުގެ ބަނދަރު ކުޑަވެ ލަފާފުރުމަށް ދަތިވާތީ އެކަންވެސް ކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ދިގުރަށު ކައުންސިލްގެ މެމްބަރ އިމްރާން ވިދާޅުވީ ސަރުކާރުތަކުން ތަރައްގީގެ މަޝްރޫތައް ހިންގުމުގައި އާބާދީއާއި ވޯޓު ލެވޭ ނިސްބަތައް ބަލާކަން މާޒީން ފެންނަން އޮތް ހަޤީޤަތެއް ކަމަށެވެ. އެހެންކަމުން އާބާދީގެ ނިސްބަތައް ބެލުމަށްފަހު ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާ ސަޤާފަތައް ނިމުމެއް ގެންނަންޖެހޭކަމަށާ، އާބާދީ ކުޑަ ރަށްތައްވެސް ކުރިއަރާދާނެ ކޮތަކަށް އުސޫލުތައް ބަދަލުކުރަން ޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ "ސްޓްރެޓެޖިކް އެކްޝަން ޕްލޭން" މިމަހުގެ 2 ވަނަ ދުވަހު އިފްތިތާހު ކޮށްފައިވާއިރު، މި ޕްލޭންގެ ދަށުން އެކި ދާއިރާތަކުން ތަރައްްޤީގެ މަޝްރޫޢުތައް މުޅި ރާއްޖޭގައި ހިންގާނެ ގޮތާއި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެއް ހަމައެއްގައި ލިބޭނެ ގޮތްތައް ވަނީ ހިމަނާފައެވެ. އެހެންކަމުން ދިގުރަށުގެ ރައްޔިތުން މިހާރު އުންމީދު ކުރަމުންދަނީ ސަރުކާރުގެ ޕްލޭނާއެކު އެރަށަށް ދިމާވެފައިވާ ދަތިތައް ހައްލުވެ ލޯކަލް ޓޫރިޒަމް ފުޅާކުރެވި އިތުރު ތަރައްޤީގެ މަޝްރޫޢުތައް އެރަށަށް އަވަސް މުސްތަޤްބަލެއްގައި ލިބޭނެގޮތްވުމެވެ.