ކުޅިވަރު

ވިކްޓަރީއަށް އިތުރު މެޗެއް ކުޅެވޭނީ ޖޫރިމަނާ 40000 ދެއްކުމުން


ދިވެހި ޕްރިމިއަރ ލީގުގައި މިދިޔަ ހަފްތާގައި ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް ވާދަކުރަން އޮތް މެޗަށް ވިކްޓްރީ ޓީމް ހާޒިރުނުވުމުން އެ ކްލަބް 40.000 ސާޅީސް ހާސް ރުފިޔާއިން ޖޫރިމާނާކޮށްފިއެވެ.

އެފްއޭއުމުން ބުނީ ވިކްޓަރީ ސްޕޯޓްސް ކުލަބާ މެދު ފިޔަވަޅު އަޅާފައިވަނީ އެއިދާރާގެ ޑިސްޕިލަނަރީ ކޮމެޓީން މައްސަލަ ބެލުމަށްފަހުކަމަށެވެ. އަދި ވިކްޓަރީއާ މެދު ފިޔަވަޅު އަޅަން ނިންމީ މެޗު ކޮމިޝަނަރގެ ރިޕޯޓާއި، ރެފްރީގެ ނަތީޖާ ރިޕޯޓާއި، ހާދިސާ ރިޕޯޓާއި އެފްއޭމްގެ ޑިސިޕިލިނަރީ ކޯޑް އަށް ބެލުމަށްފަހުއެވެ.

ވިކްޓަރީ ޖޫރިމަނާކުރިކަން އަންގާ ޗއެފްއޭމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ޕްރިމިއަރ ލީގުގައި ކުރިއަށް ހުރި މެޗްތަކުގައި ވިކްޓަރީއަށް ކުޅެވޭނީ އެ ފައިސާ ދެއްކުމަށްފަހުގައިކަމަށެވެ. މި ނިންމުމާއި އެކު މިއަދު ހަވީރު އޮންނަ މެޗްގައި އެ ކުލަބަށް ވާދަކުރެވޭނީ ޖޫރިމަނާ ފައިސާ ދެއްކުމަށްފަހުއެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ތާވަލް ހަމަޖެހިފައިވާގޮތުން ވިކްޓަރީ މިއަދު ހަވީރު ނުކުންނަށް ޖެހޭނީ ފ ނިލަންދޫ އާއި ދެކޮޅަށެވެ.

ހުސްވި ސީޒަންގައި ވެސް ވިކްޓަރީ ވަނީ ލީގުގެ ދެމެޗަށް ހާޒިރުނުވުމުން ސާޅީސް ހާސް ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ރާއްޖޭގައި އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު ކްލަބް ވިކްޓަރީއަށް މާލީ ދަތިތައް ކުރިމަތިވެ ޓީމް އޮތީ މައްސަލަގަނޑެއްގެ ތެރޭގައެވެ. ޓީމް ޕްރެކްޓިސްގައި ބައެއް ކުޅުންތެރިން ބައިވެރިނުވާއިރު ޓީމުގެ ކޯޗު މުހައްމަދު އާދަމްވެސް ވަނީ ކްލަބުން އިސްތިއުފާދީފައެވެ.

ޓީމްގެ ކުޅުންތެރިންނަށް މުސާރަ ނުދެވި ޓީމް ހަމަކުރުމުގައި ވިކްޓަރީއަށް ދަތިތަކާއި ކުރިމަތިވުމުން ޓީމްގެ ހާލަތު ރަގަޅުކުރުމަށް އެފްއޭއެމުންވެސް ވަނީ އެ ކްލަބަށް ލޯނެއްވެސް ދީފައެވެ.

ލީގުގައި މިހާތަނަށް ވިކްޓަރީ ކުޅުނު އެއްވެސް މެޗަކުން މޮޅެއް ލިބިފަނުވާއިރު މިއަދުގެ މެޗަށްވެސް ވިކްޓަރީ ޓީމަށް ނުކުމެވިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.