ކުޅިވަރު

ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެސީއަށް! ވެންޑައިކްގެ އުއްމީދުތައް ފެނަށް!


ތިން އަހަރަށްފަހު ފީފާ މޮޅު އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ބާސެލޯނާގެ ފޯވާޑް ލަޔަނަލް މެސީ ހޯދައިފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ "ފީފާ ބެސްޓް" ފިރިހެން މޮޅު ކުޅުންތެރިޔާއަށްދޭ އެވޯޑް މެސީ ހޯދީ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި، ލިވަޕޫލްގެ ވާޖިލް ވެންޑައިކް ފަހަތަށް ޖައްސާލުމަށްފަހުގައެވެ.

ބާސެލޯނާގެ ކެޕްޓަން ލަޔަނަލް މެސީވަނީ ބާސެލޯނާއާއިއެކު މިދިޔަ ސީޒަންގައި ދިހަވަނަ ފަހަރަށް ލަލީގާ ހޯދާފައެވެ. މިދިޔަ ސީޒަންގައި ކުޅުނު 50 މެޗުގައި 51 ގޯލް ޖަހައި އޭނާވަނީ ޔޫރަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑާއި، ލަލީގާގެ މޮޅު ކުޅުންތެރިޔާ އަދި ރަން ބޫޓުވެސް ހޯދާފައެވެ. މިއީ ބާސެލޯނާގެ މެސީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަވަނަ ފަހަރެވެ. އެންމެ ފަހުން 2015ވަނަ އަހަރު މެސީ މި އެވޯޑް ހޯދިއިރު އޭނާއާއި އެންމެ ގާތުން މިފަހަރުގެ އެވޯޑަށް ވާދަކުރީ ލިވަޕޫލްގެ ވާޖިލް ވެންޑައިކެވެ.

ލިވަޕޫލްގެ ޑިފެންޑަރ ވެންޑައިކްވަނީ މިދިޔަ ސީޒަންގައި ލިވަޕޫލްއާއިއެކު ޗެމްޕިއަންސް ލީގު އުފުލާލާފައެވެ. އަދި ލީގުގެ ދެވަނަ ހޯދި ލިވަޕޫލް ޓީމުގައިވެސް ވެންޑައިކް މޮޅު ކުޅުމެއް ދެއްކިއެވެ. ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެންޑައިކް ހޯދާފައި އޮތުމުން ގިނަ ބަޔަކު ހީކުރީ މިފަހަރުގެ އެވޯޑް ހޯދާނީ ވެންޑައިކްކަމަށެވެ.

ފީފާ މޮޅު ކުޅުންތެރިޔާގެ ލިސްޓުން ތިންވަނައަށްދިޔައީ ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ހަތަރުވަނަ ލިވަޕޫލްގެ ސަލާއަށް ލިބުނުއިރު، ފަސްވަނަ ލިބުނީ އެޓީމްގެ ސަދިއޯ މާނޭއަށެވެ. ކިލިއަން އެމްޕާބޭއަށް ހަވަނަ ލިބުނުއިރު، އަޔެކްސްއިން ބާސެލޯނާއަށް ބަދަލުވި ފްރޭންކީ ޑިޔޮންގއަށް ލިބުނީ ހަތްވަނައެވެ. ގަދަ ދިހައެއްގައި ދެން ހިމެނޭ ތިން ކުޅުންތެރިންނަކީ އެޑެން ހަޒާޑް، މަތިއަސް ޑިލައިޓް އަދި ހެރީ ކޭންއެވެ.