ސަރުކާރުގެ ޚާރިޖީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބައްޓަންވެފައި ވަނީ ރާއްޖެއާއި އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެހެން ޤައުމުތަކާއިއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ މިހެން ވިދާޅުވެފައިވަނީ އދ.ގެ 74ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުވުމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި 4ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައި.އޯ.ސީ) އަކީ ރާއްޖެއާ އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އިތުރު ޤައުމުތަކުގެ މެދުގައި އޮތް އެކުވެރި ބަދަހި ގުޅުން ހާމަވެގެންދިޔަ ބައްދަލުވުމެއްކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވާހަކަފުޅުގައި މީގެ ކުރިން ދެޤައުމުން އިޤްތިޞާދީ ގޮތުން އެއްބަސްވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި މީގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށި ދެޤައުމުގެ ބަދަހި ގުޅުމުގެ ފައިދާ ދިވެހިންނަށް ކުރަން ފަށާފައިވާކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ "ކްލައިމެޓް އެކްޝަން ސަމިޓް"ގައި އިންޑިއާއިން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވައި، އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރުވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި އައި.އޯ.ސީ.ގެ ބައްދަލުވުމުގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވައި އެމަނިކުފާނުވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި އދ.ގެ ޢާންމު މަޖިލީހަކީ މިކަން ކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިއާގެ ބޮޑުވަޒީރުވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އިތުރަށް ދަމަހައްޓައި، މިގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރެއްވުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.