ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ޤައުމަށް ކުރިމަތިވެފައި އޮތްކަމާމެދު ސުވާލުއުފައްދަވައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާހަކަ ދައްކައިފިއެވެ.
މިއަދު ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މިވަގުތު ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް އޮތްކަމަށް ސުވާލު އުފެދޭ ކަންކަން ހުކުރު ދުވަހުގެ އަލިފާނުގެ ހާދިސާއަށްފަހު ފެންނަމުންދާކަމަށެވެ.
އެގޮތުން އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް ތުހުމަތުކުރެވޭކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ވިދާޅުވެފައިވުމަކީ އެފަދަ ކަމެއް މުއައްސަސާތަކަށް ހިއްސާކުރެވިފައިވާތީ ވިދާޅުވެފައިވާ ކަމެއްކަމަށް ޤަބޫލުކުރެވޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެފަދަ ކަމެއް ޤައުމަށް ދިމާވެފައި އޮތްނަމަ ވީހާވެސް އަވަހަށް އަވަސް ފިޔަވަޅުތަކެއް އަޅާންޖެހޭކަމަށާއި، ވީހާވެސް އަވަހަށް މަޖިލީހުން އިސްވެ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި، ކޮމިޓީތަކުންވެސް ބައެއް ކަންކަން ކުރަންޖެހޭކަމަށެވެ. އާދަމް ޝަރީފް ވަނީ އެފަދަ ކަންބޮޑޫވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ސިޓީއެއް ފޮނުވާފައިވާކަމަށްވެސް ވިދާޅުވެފައެވެ.
"އެމަނިކުފާނަކީ މަޖިލީހުގައި ބަސް މަދު ބޭފުޅެއް. އެހެންކަމުން އެމަނިކުފާނުގެ ފޭސްބުކް ސްޓޭޓަސްގައި ނުރައްކާތެރި ވާހަކައެއް ހިއްސާކުރައްވާނީ ޤައުމީ ސަލާމަތަށް ނުރައްލާވެ މުއައްސަސާތަކުން ލިބުނު މަޢުލޫމާތާއި ރައްޔިތުންގެ ސަމާލުކަމަށް ގެންނަޖްހޭ ހާލަތަށް ދިޔަކަމަށް އެމަނިކުފާނަށް ޤަބޫލު ޤަބޫލުކެވޭތީކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ. މިހާތަނަށް އާއިރުވެސް އެމަނިކުފާނުގެ ސްޓޭޓަސްއަށް ބަދަލެއް ގެންނަވާފައެއް ނެތް." އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުން ހުށައެޅި އިޞްލާހަށް 24 ގަޑިއރުގެ މުއްދަތަކީ ކުރުމުއްދަތެއްކަމަށާއި، އިތުރު ވަގުތު ބޭނުންވާކަމަށް ވިދާލުވެ ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. ޓެރަރިޒަމްގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި ޤާނޫނު އަސާސީއާއި ފުށުއަރާ މާއްދާތަކާއި، އެނޫންވެސް ވަރަށް ބޮޑެތި ކަންކަން ހިމެނޭކަމަށާއި، 50 ޞަފްހާގެ މައްޗަށް އެކުލެވޭ ބިލަކަށް 24 ގަޑިއރު އެއީ ވަރަށް ކުރު މުއްދަތެއްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ޚިޔާލު ހުށައެޅުމަށް އިތުރު ވަގުތު ބޭނުންވާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.