ޚަބަރު

އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް އަންނަނީ ކުރަމުން - ހޯމް މިނިސްޓްރީ


މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރަމުން އަންނަކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކެމިކަލް ރައްކާކޮށްފައިވާ ގުދަނެއްގައި މިދިޔަ ހުކުރު ދުވަހުގެރޭ ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސް 4 ގުދަނަކާއި 6 ގެއެއް އެއްކޮށް އަނދާ ހުލިވެ އެކަކު ވަނީ މަރުވެފައެވެ. އަދި މި ހާދިސާ އާއި ގުޅިގެން 400އަށް ވުރެ ގިނަ މީހުންނަށްވަނީ އަސަރުކޮށްފައެވެ. އެންޑީއެމްއޭއިން ކަލާފާން ސްކޫލްގައި ޤާއިމުކޮށްފައިވާ ވަގުތީ ހިޔާ ކޭމްޕުގައި 13 ޢާއިލާއަކުން 83 މީހުނަށް އަންނަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

މި ހާދިސާއާއި ތަހުޤީގާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވަނީ އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ކުރަމުން އަންނަކަމަށެވެ. މި ތަހުގީގުގެ އެންމެހާ ކަންކަން މިނިސްޓަރ އޮފް ހޯމްއެފެއާޒް އާއި މިނިސްޓަރ އޮފް ޑިފެންސް ވަރަސް ގާތުން ބަލަމުން އަންނަކަމަށެވެ.

ތަހުގީގު ހިނގަމުންދާ ވަގުތު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭފަދަ ވާހަކަ ފެތުރުމަކީ ހާދިސާގެ ސަބަބުން އުފެދޭ ނުތަނަވަސްކަން އިތުރުވެ ތަހުގީގަށް ގޮންޖެހުން ކުރިމަތިވެދާނެ ކަމަކަށްވާތީ އެފަދަ ކަންކަމުން އެއްކިބާވުމަށް ހޯމް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަބަދަށްފެހި މަގުގައި ހިނގި މި ހާދިސާއަށްފަހު އެ ސަރަހައްދުގައި ހުރި ހުރިހާ ގެއެއް ހުސްކޮށް އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ. އަދި މި ހާދިސާގައި އަލިފާނުގެ އަސަރުކުރި އިމާރާތްތަކަށް މީހުން ވަނުމުގެ ހުއްދަދޭނީ ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމަށް ފަހު ކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.