ޚަބަރު

އަލިފާނުގެ ޙާދިސާ ހިނގި ސަރަޙައްދުގެ ވައި މިހާރު ސާފު - އީޕީއޭ


އަލިފާން ރޯފި ސަރަޙައްދުގެ ވައި މިހާރު ހުރީ ނުރައްކާވާ މިންވަރަށްވުރެ ބޮޑުތަން ދަށުގައިކަމަށް އެންވަޔަރަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހެދި ޓެސްޓްތަކުން ހާމަވެއްޖެއެވެ.

އެންވަޔަރަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެސަރަޙައްދުގެ ވައިގެ ސާފުކަމަށް އަންނަ ބަދަލުތައް ދެނެގަންނަމުންނެވެ.

އެގޮތުން ދުނިޔޭގައި ވައިގެ ސާފުކަން ބެލުމަށް ބޭނުންކުރާ ވޯލްޑް ހެލްތް އޯގަނައިޒޭޝަން ޑަބްލިއު އެޗްއޯއާއި، ޔޫ.އެސް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ ޔޫ.އެސް.އީ.ޕީ.އޭގެ މިންގަނޑުތައް ބޭނުންކޮށްގެން ވަނީ ބަލާފައެވެ. ޓެސްޓްތައް ހެދުމަށްފަހު އެޗްޕީއޭއިން އާއްމުކުރި ރިޕޯޓްގައިވަނީ އަލިފާނުގެ ޙާދިސާ ހިގި ސަރަޙައްދުގައި ކަރބަން މޮނޮކްސައިޑާއި، ނައިޓްރޮޖެން ޑައިއޮކްސައިޑް އަދި ސަލްފަރ ޑައިއޮކްސައިޑް ހުރި މިންވަރު ބަލާފައިވާކަމަށެވެ.

އެގޮތުން އެންމެ މަތިވެގެން ކަރބަންޑައި އޮކްއިޑް ތިރީސް ފަހެއް "ޕަރޓްސް ޕަރ މީޓަރ" ޕީޕީއެންގައި ހުންނަން ޖެހޭއިރު، އެސަރަޙައްދުގައި މި މާއްދާގެ އަސަރުހުރީ ސުމެއް ޕޮއިންޓު ދޭއް ހަތަރެއް ދޭއްގައެވެ. އަދި ނައިޓްރޮޖެން ޑައިއޮކްސައިޑްގެ މިންވަރު ސުމެއް ޕޮއިންޓު ދޭކަށްވުރެ ދަށުގައި ހުންނަންޖެހޭއިރު މި ޢަދަދު ހުރީ ސުމެއް ޕޮއިންޓު ސުމެއް ހަތެއް ހަތަރެއްގައެވެ.

ސަލްފަރ ޑައިއޮކްސައިޑް ހުންނަންޖެހެނީ ސުމެއް ޕޮއިންޓު ފަހެއް ޕީޕީއެމްއަށްވުރެ ދަށުގައެވެ. މިއިން އެއްވެސް މިންވަރެއް އެސަރަޙައްދުގެ ވައިގައި ހުރިކަމަށް ފާހަގަވެފައި ނުވާކަމަށް އީޕީއޭގެ ރިޕޯޓްގައި ބުނެފައިވެއެވެ.

އީޕީއޭއިން ބުނެފައިވަނީ ނުރައްކާތެރި ގޭހުގެ މާއްދާތަކުގެ ކޮންމެވެސް މިންވަރެއް އެސަރަޙައްދުގައި އަދިވެސް ހުރުމުން، ރައްކާތެރިގޮތަކީ ކަމާއި ގުޅޭ އިދާރާތަކުންދޭ އިރުޝާދަށް ޢަމަލުކުރުންކަމަށެވެ. އެގޮތުން ގިނައިން ބޭރަށް ނިކުމެ ނޫޅުމާއި، އަދި ގޭގެގެ ދޮރުތައް ލައްޕައި، ނުސާފު ވައި ނުވައްނާނެގޮތް ރައްކާތެރިވުމަށްވަނީ އިލްތިމާސްކޮށްފައިވެއެވެ.

އަދި ކޮންމެހެން އެ ސަރަޙައްދަށް ދާން ޖެހޭ މީހުން ނޫން މީހުން އެސަރަޙައްދަށް ނުދިއުމަށްވަނީ އިލްތިމާސްކޮށްފައެވެ. އެސަރަޙައްދަށް އެކި ބޭނުންތަކުގައި ދާ ފަރާތްތައްވެސް ނޭވާލާއިރު ތަޤައްޔަރު ވައި ހަށިގަނޑުގެ ތެރެއަށް ވަނުން ކުޑަކުރުމަށް މާސްކް ބޭނުންކުރުމަށް އީޕީއޭއިން އިލްތިމާސްކުރެއެވެ.

ކެމިކަލް ގުދަނުގައި އަލިފާން ރޯވެ، ކެމިކަލްގެ އަސަރާއި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ގިނަ ޢާއިލާތަކެއް އެސަރަޙައްދުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައިވެއެވެ. ނަމަވެސް ވައި ސާފުވަމުންދާތީ މިހާރުވަނީ އެސަރަޙައްދުގެ ގެތަކަށް އަނބުރާ ދިއުމުގެ ހުއްދަ ދީފައެވެ.