ޕްރަވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ޚިދުމަދޭ ފަރާތްކަށް ފުލުހުން ހިންގާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 
ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީގެ ޤަވައިދުތަކަށް ގެންނެވި ބަދަލުތަކާއެކު ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުއެވެ. މި ޤަވާޢިދުގެ ދަށުން ޓެކްސީ ބޯޑު ނެތަސް ޓެކްސީގެ ޚިދުމަތް ދެވޭނެގޮތްވަނީ ހަމަޖައްސާފައެވެ. އެހެން ނަމަވެސް ޕްރައިވެޓް ހަޔަގެ ގޮތުގައި ޓެކްސީ ކުރެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީއިން އެކަމަށް ބޭނުންވާ ޚާއްސަ ހުއްދައެއް ނަގައިގެންނެވެ. 
ޕްރައިވެޓް ހަޔަގެ ގޮތުގައި ޓެކްސީ ކުރާ ފަރާތްތައް، މަގުމަތީގެ ޤަވާޢިދުތަކަށް ހޭލުންތެރިކުރުމަށް ފުލުހުން ހިންގުމަށް ނިންމާފައިވާ ތަމްރީން ޕްރޮގްރާމް އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. 
 
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މިމަހުގެ 26އާ ހަމައަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ގުޅޭނެ ފޯނު ނަންބަރު ޓްރެފިކް ޕޮލިހަށް ހުށައެޅުމުން ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. ބައިވެރިވުމަށް އެދި ފޯނު ހުށައެޅޭނީ ސައްބީސްވަނަ ދުވަހުގެ ދޭއްޖެހުމާ ހަމައަށެވެ.
		
					
									
			މި ޕްރޮގްރާމްގައި ޕްރައިވެޓް ހަޔަރގެ ޑްރައިވަރުންނާއި، ޓެކްސީ ކުރުމުގެ ޚިދުމަތަށް އަލަށް ނުކުންނަ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މި ޚިދުމަތަށް އަލަށް ނުކުންނަ މީހުންނަށް ޕްރޮގްރާމްގައި ބައިވެރިވެވޭނީ ޓެކްސީ ސެންޓަރެއްގައި ނަން ނޯޓް ކުރުމަށްފަހުއެވެ. 
ޓެކްސީ ކުރާ މީހުން ޓްރެފިކްގެ ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ސިލްސިލާކޮށް ތަމްރީން ޕްރޮގްރާމްތައްދަނީ ހިންގަމުންނެވެ. 
ޓެކްސީގެ ޚިދުމަތް ޢާއްމުންނަށް ލުއިފަސޭހަކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީންވަނީ ޓެކްސީގެ އަގުތައް ހެޔޮކޮށް، ޓެކްސީ އެޕްލިކޭޝަންވެސް ބޭނުންކުރަން ފަށާފައެވެ.