ޚަބަރު

މަޖީދިއްޔާ ސްކޫލުގެ ކިޔެވުން މިހާރު ވަނީ ފަށާފައި - އެޑިއުކޭޝަން މިނިސްޓްރީ


އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެ ސަރަޙައްދުގެ ވައި ނުސާފުވެފައިވާތީ، އިއްޔެ މަޖީދިއްޔާ ސްކޫލުގެ ހަވީރު ދަންފަޅީގެ ކިޔެވުން ހުއްޓާލިނަމަވެސް މިއަދު ކިޔެވުން ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ވައި ވަނީ ވަރަށް ބޮޑަށް ނުސާފުވެފައެވެ. އަދި އެ ސަރަހައްދަކީ މީހުންނަށް އުޅެން ރައްކާތެރި މާޙައުލެއްތޯ ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިންދަނީ އެ ސަރަޙައްދުގެ ވައިގެ ސާފުކަންވެސް ބަލަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީއިންދަނީ ހާދިސާގައި ހާލުގައިޖެހުނު ސްކޫލް ކުދިންނަށް ބޭނުންވާ ޔުނީފޯމާއި، ފޮތް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި އަމިއްލަ ފަރާތްތަކުންދަނީ ކުދިންނަށް ބޭނުންވާ އެހެނިހެން ސާމާނާއި، ޕާސްޓް ޕޭޕަރފަދަ ތަކެތިވެސް ހަދިޔާކުރަމުންނެވެ.

އެ ސަރަޙައްދުގެ ގެތަކުގެ ރައްކާތެރިކަމަށް ބެލުމާއި، ސަރަޙައްދުގެ ވައި ސާފުވަމުންދާ މިންވަރަށް ބަލައި އެ ސަރަޙައްދުން ހުސްކުރި ގެތަކަށް މީހުންގެ ބަދަލުކުރުމުގެ މަސައްކަތް އަލުންވަނީ ފަށާފައެވެ. އަލިފާނުގެ ޙާދިސާ ހިނގިރޭ ކެމިކަލްގެ ވަހާއި ދުމުގެ އަސަރުކޮށްގެން ގިނަ ބަޔަކުވަނީ ސިއްޙީ އެހީވެސް ހޯދާފައެވެ.