ވިޔަފާރި

އުތުރުން ބާނާ މަސް ކޫއްޑޫއަށް ކިރުވުމަށް މަސްވެރިންނަށް އިނާޔަތެއް ދެނީ


ރާއްޖޭގެ އުތުރުން ބާނާ މަސް ކިރުވުން އަވަސް ކުރުމަށްޓަކައި ގއ.ކޫއްޑޫއަށް ފޮނުވުމަށް މަަސްވެރިންނަށް އިނާޔަތެއް ދިނުމަށް ނިންމާފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.

ޕިއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން މިފްކޯގެ އޮޕަރޭޝަނަލް މެނޭޖަރ މުހައްމަދު ދީދީ ވިދާޅުވީ އުތުރުން މަސްވެރިން ބާނާ މަސް ފެލިވަރުން ކިރުވުމަށްފަހު ކޫއްޑޫއާއި ހިސާބަށް ފޮނުވުމަށްޓަކައި ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ނަގާކަމަށެވެ. އެގޮތުން މަސް ސްޓޯރކުރާ ބޮޑެތި ކަލެކްޓަރތައް ކޫއްޑޫއިން ފެލިވަރާއި ހިސާބަށް އައުމާއި ދިއުމުގައި ކޮޅަކަށް 48 ގަޑިއިރު ނަގާކަމަށާއި މި ސަބަބާއި ހެދި ފެލިވަރުގެ މަސް ކިރުވުމަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިކަން ހައްލުކުރުމަށްޓަކައި ގިނައިން މަސް ބާނައިގެން ބަރުކޮށްގެން އަންނަ އޮޑިދޯނިފަހަރަށް އިނާޔާތެއް ދިނުމަށްފަހު ދޯނިފަހަރުތަކަށް ސީދާ ކުއްޑޫއަށް، ދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް މިފްކޯއިން މިހާރު ނިންމާފައިވާކަމަށް މުހައްމަދު ދީދީ ވިދާޅުވިއެވެ.

"ދެކުނުގެ މަސްކިރުވޭ ބޮޑެތި ކަލެކްޓަރތަކަށް ފެލިވަރަށް ދެވެނީ 2 ދުވަސް ފަހުން. ފެލިވަރުން މަސްގަނެގެން އަނެއްކާ ދެ ދުވަސް ނަގާ ކޫއްޑޫއަށް ދާން. އެހެންވީމަ ހަފްތާއަކު އެއް ދަތުރު މިކުރެވެނީ އެކޮޅުގެ ކަލެކްޓަރ ބޯޓުތަކަށް. މި ދެންނެވި ސަބަބުތަކާއި ހެދި ދުވަހުން ދުވަހަށް ހުރިހާ މަހެއް ނުކިރި ކިއުގައި ގިނަ ދުވަސްވެގެން މިދަނީ. އަޅުގަނޑުމެން މިހާރު ނިންމާފައި މިއޮތީ ތަންކޮޅެއް ގިނައިން ބާނާފައި ހުންނަ ދޯނިފަހަރަށް އިތުރު އިނާޔަތެއް ދީގެން ކޫއްޑުއަށް ސީދާ ދޯނިފަހަރު ފޮނުވުމަށް ބާރު އަޅަން. އަޅުގަނޑަށް ހީވަނީ ދާދި އަވަހަށް މި މަސައްކަތް ކުންފުނިން ކުރާނެކަމަށް." މުހައްމަދު ދީދީ ވިދާޅުވިއެވެ.

މިފްކޯއިން ބުނީ މަސް ކިރުވުމާއި ސްޓޯރކުރުމުގައި މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މިފްކޯއިން މިހާރު މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ފެލިވަރުގެ މަސް ބަންދުކުރާ ފެކްޓްރީގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ފަންޑިންގ ލިބިފައިވާކަމަށާއި މި މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.