ކުޅިވަރު

އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އިންޑިއާގެ މަލްވީކާ ބަންސޯދް ހޯދައިފި


ލި-ނިންގ މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފިއުޗަރ ސީރީސްގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އިންޑިއާގެ މަލްވީކާ ބަންސޯދް ހޯދައިފިއެވެ.

އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން މަލްވީކާ ބަންސޯދް ފައިނަލްގައި މިޔަންމާގެ ތަރް ތުޒާރު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މެޗު ފަށައިގެންވެސް ލީޑްގައި އޮވެ މޮޅު ކުޅުމެއް ދެއްކީ އިންޑިޔާގެ ޖޫނިއަރ ޗެމްޕިއަން މަލްވިކާއެވެ. ފުރަތަމަ ސެޓު މަލްވީކާ ގެންދިޔައީ 21-13އިންނެވެ. ދެވަނަ ސެޓުވެސް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 21-11އިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މަލްވީކާ ބަންސޯދް ބުނީ، މިއީ އޭނާއަށް ވަރަށް ޚާއްސަ ކާމިޔާބީއެއް ކަމަށާއި، ސީނިއާ ލެވެލްގައި ވާދަކުރި ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް ރަންމެޑަލް އަކާއިއެކު ނިންމާލެވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެކަމަށެވެ. އަދި މެޗު ހީކުރިވަރަށްވުރެ މާބޮޑަށްވެސް ފަސޭހަ ކަމަށާއި، ފުރަތަމަ ހަތް ޕޮއިންޓުގެ ލީޑު ލިބުމާއިއެކު މެޗުގެ ބާކީބައި ކުޅުނީ އެއްވެސް ހާސްކަމެއް ނެތިކަމަށްވެސް އިންޑިއާގެ އަށާރަ އަހަރުން ދަށުގެ އެއްވަނަ އަންހެން ކުޅުންތެރިޔާ މަލްވީކާ ބަންސޯދް ބުންޏެވެ.

"އަހަރެންވެސް އުއްމީދެއްވެސް ނުކުރަން ސީދާ ދެ ސެޓުން މެޗް ދާނެކަމަށް. މިޔަންމާގެ ތަރް ތުޒާރު ސީދާ ދެ ސެޓުން ބަލިކުރެވޭނެކަމަށް އުއްމީދެއްވެސް ކުރިން ނުކުރަން. ހީކުރި މެޗް ވަރަށް އުދަގޫވާނެކަމަށް. އެއީ އިދިކޮޅުން ކުޅުނު ތަރް ތުޒާރުއަކީ އަހަންނަށް ވުރެއް ދެ އަހަރު ދޮށީ ކުޅުންތެރިއަކަށްވެފަ، ތަޖްރިބާގެ ގޮތުންވެސް ތަރް ތުޒާރު މާ ރަގަނޅުވާނެތީ. ނަމަވެސް މެޗުން މޮޅުވެވުނީ އިދިކޮޅު ކުޅުންތެރިޔާއަށް މާގިނަ ފުރުސަތުތަކެއް ނުދީ، މޮޅަށް ކުޅުމުގެ ސަބަބުން. އަދި މެޗްގައި ކޮންމެ ސެޓްއެއްގައިވެސް ލީޑްގައި އޮވެގެން ކުޅެން ލިބުމުން، މެޗް ވަރަށް ފަސޭހަކަމާއެކު ކާމިޔާބުކޮށް ޗެންޕިއަންކަން ލިބޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ވެގެންދިޔަ." އިންޑިޔާގެ ޖޫނިއަރ ޗެންޕިއަން އިންޑިއާގެ މަލްވީކާ ބަންސޯދް ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މިޔަންމާގެ ތެޓް ތުޒާރު ބުނީ، މެޗުން ބަލިވީ އޭނާއަށް ނުކުޅެވިގެން ކަމަށާއި، ފުރަތަމަ ސެޓުގައި އެހާ ބޮޑު ތަފާތެއް ނަތީޖާއަށް އައުމުން މެޗް ވަރަށް ބޮޑަށް އުނދަގޫވިކަމަށެވެ. އަދި މެޗަށް އެންމެ ފުރިހަމައަށް ތައްޔާރުވެވުނުނަމަ ޗެމްޕިއަންކަން ހޯދުނީސް ކަމަށްވެސް ތުޒާރު ބުންޏެވެ.

"އަސްލުގައި މެޗްގައި ވީގޮތް މާރަގަޅަކަށް ނޭގުނު. އިގޭ އެއްޗަކީ މެޗުން ނުކުޅެވުމުން މެޗް ގެއްލުނީކަމަށް. އިންޑިޔާގެ މަލްވިކާ ވަރަށް މޮޅަށް ކުޅުނު، އަދި އެކުޅުންތެރިޔާގެ ރިދަމް ބަދަލްކޮށްލުމަށްވެސް މަސައްކަތް ކުރި، ނަމަވެސް އެކަން ކާމިޔާބު ނުވީ. ޗެންޕިއަންކަން ހޯދުމަށް ގިނަ މަސައްކަތްތަކެއް އެބަޖެހޭ ކުރަން." މިޔަންމާގެ ތެޓް ތުޒާރު ބުންޏެވެ.