ޚަބަރު

އދގެ އާއްމު ޖަމުޢިއްޔާ ތެރެއިން ގިނަ ޤައުމުތަކެއްގެ ލީޑަރުންނާ ޓްރަމްޕް ބައްދަލުކުރައްވާނެ: ވައިޓްހައުސް


ނިއުޔޯކްގައި ކުރިޔަށްދާ އދ. ގެ އާއްމު ޖަމުޢިއްޔާގެ ޖަލްސާގެ ތެރެއިން ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އިސްވެރިންނާ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވާނެކަމަށް ވައިޓް ހައުސުން ބުނެފިއެވެ.

ފޯނު މެދުވެރިކޮށް ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ވައިޓްހައުސްގެ އިސް މަސްޢޫލުވެރިއަކު ވިދާޅުވީ އދގެ އާއްމު ޖަމުޢިއްޔާގެ ޖަލްސާތަކުގެ ހަވާސާގައި ޓްރަމްޕް ބައްދަލުކުރައްވަން ނިންމަވާފައިވާ ލީޑަރުންގެ ތެރޭގައި ޕާކިސްތާން، މިސްރު، ޕޮލެންޑް، ސިންގަޕޫރު، ދެކުނު ކޮރެއާ އިންޑިއާ، ޖަޕާން، އިރާޤް، އިނގިރޭސިވިލާތް، ސެލްވަޑޯ އަދި ޔުކްރޭންގެ ލީޑަރުން ހިމެނިވަޑައިގަންނަވާކަމަށެވެ.

މީގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ޚާއްސަ މަޝްވަރާތަކެއްކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ޤައުމުތަކުގެ މަސްޢޫލުވެރިންނާ އަދި އުރުދުންގެ މަސްޢޫލުވެރިންނާ ނިއުޔޯކްގައި ބައްދަލުކުރައްވާނެކަމަށްވެސް ވައިޓް ހައުސްގެ މަސްޢޫލުވެރިޔާ ވިދާޅުވިއެވެ.

އަނެއްކޮޅުން، ގަލްފުގައި ސުލްޙަ ޤާއިމުކުރުމާގުޅޭ ޚާއްސަ މަޝްވަރާތަކެއްކުރުމަށް ފަރަންސޭސި ރައީސް އެމާނުއެލް މެޚްރޯން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ނިއުޔޯކްގައި ބައްދަލުކުރައްވާނެކަމަށް ފަރަންސޭސި ރިޔާސީ ގަނޑުވަރު އެލިޒޭއިންވަނީ ބުނެފައެވެ.