ޚަބަރު

އިރާޤްގެ ކަރްބަލާ ކައިރިން ދަތުރުކުރި ބަހެއްގައި ބާރުގަދަ އެއްޗެއް ގޮވުމުން 12 މީހުން މަރުވެއްޖެ


އިރާޤްގެ ކަރްބަލާ ކައިރިން ދަތުރުކުރި ބަހެއްގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން 12 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

އިރާޤްގެ އަމަނާބެހޭ އިދާރާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަހުގައި ބާރުގަދަ އެއްޗެއް ގޮވާފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަރްބަލާގެ އުތުރުން އެސިޓީއަށް ވަނުމަށް އެ ބަސް ދަތުކުރަމުން ދަނިކޮށްކަމަށާ އެއްޗެއް ގޮވުމުގެ ސަބަބުން މުޅި ބަހުގައި އަލިފާން ރޯވީކަމަށެވެ.

މި ހާދިސާގައި ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާއިރު، މަރުވި މީހުން ދެނެގަތުމަށް އެމީހުންގެ ހަށިތަށްވެސް ފުރަތަމަ ގެންދިޔައީ ހޮސްޕިޓަލަށްކަމަށް އިރާޤް ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވިއެވެ މީގެއިތުރުން މި ހާދިސާ ތަޙްޤީގްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކަރްބަލާއަކީ އިރާޤޤގެ ދެކުނުގައި ޝިޔައީންގެ އަޣްލަބިއްޔަތު އޮންނަ ސިޓީއެކެވެ. 2017ވަނަ އަހަރު އިރާޤްގައި އައިއެސް ޖަމާޢަތް ބަލިކޮށްލެވުމުގެ ކުރިން ކަރްބަލާއަކީ މިވާބަތުގެ ޓެރަރިސްޓް ޙަމަލާތައް އެންމެ ބޮޑަށް އަމާޒުވާ ސިޓީއެވެ. ނަމަވެސް އައިއެސްގެ ވުޖޫދު އިރާޤުން ނައްތާލިފަހުން މިފަދަ ޙަމަލާތައް ވަރަށް ބޮޑަށް މަދުވެފައިވާކަމަށް އިރާޤް ސަރުކާރުން ބުނެއެވެ ކަރްބަލާ ކައިރިން ދަތުރުކުރި ބަހަށް ދިން ޙަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއްނުވެއެވެ.