ޚަބަރު

ދެފަރާތުންވެސް ޙަމަލާތައް ހުއްޓާލުމަށް ހޫޘީން ސަޢުދީއަށް ހުށަހަޅައިފި


ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެގެން އުފައްފާދައިވާ ޢަރަބި ކޯލިޝަނުން ޔަމަނަށް ދޭ ޙަމަލާތައް އެއްކޮށް ހުއްޓާލައިފިނަމަ ސައޫދީ އަށް ދޭ ޙަމަލާތައް ހުއްޓާލާނެކަމަށް ޔަމަންގެ ހޫޘީ ޖަމާޢަތުން ބުނެފިއެވެ.

ހޫޘީ ޖަމާޢަތުގެ ސިޔާސީ އެންމެ މަތީ ކައުންސިލްގެ ރައީސް މަހްދީ އަލްމުޝާތު ވިދާޅުވީ ދެފަރާތުންވެސް ޙަމަލާތައް ހުއްޓާލާ، ޔަމަންގެ މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރުމަށްޓަ ސުލްޙައިގެ ވާހަކަތައް ފެށުމަށް ހޫޘީން އޮތީ ތައްޔާރަށްކަމަށެވެ. އަދި ޔަމަންގެ ހަނގުރާމަ ނިމުމަކަށްގެނެސް ޔަމަންގެ މައްސަލަ ޙައްލުކުރެވޭފަދަ ސުލްޙައިގެ ވާހަކަތަކެއްގައި ސަޢުދީ ހިމެނޭގޮތަށް ހުރިހާ ފަރާތްތަކާއެކު ބައިވެރިވާން ހޫޘީން އެދޭކަމަށްވެސް މުޝާތު ވިދާޅުވިއެވެ. މިވޭތުވެދިޔަ މުއްދަތުގައި ހޫޘީންވަނީ ވައިގެ ދިފާޢާއި ވައިގެ ޙަމަލާތައް ދިނުމުގެ ޓެކްނޮލޮޖީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިކަމަށާ ހަނގުރާމަ ދިގުލައިގެން ދާނަމަ ސަޢުދީއަށް މިހާރަށްވުރެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމުގެ އިންޒާރު މުޝާތު ދެއްވިއެވެ.

ސަޢުދީ ތެލުގެ މަރުކަޒުތަކަށް ދިން ޙަމަލާތަކަށްފަހު ހޫޘީންވަނީ ޢަރަބި ކޯލިޝަންގައި ހިމެނޭ ޔޫއޭއީގެ އިޤްތިޞާދީ މަރުކަޒުތަކަށްވެސް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރުދީފައެވެ. އަދި ޙަމަލާތައް ދޭނެ ޔޫއޭއީގެ ދިހަ ތަނެއް ފާހަގަކޮށްފައިވާނެކަމަށްވެސް ހޫޘީން ބުނެފައިވެއެވެ.

ސަޢުދީގެ އިރުމަތީ ދެ ސަރަޙައްދުކަމަށްވާ އިބްޤީޤްއާއި ހިޖްރަތު ޚުރައިސްގައި ހުންނަ ތެލުގެ ކާރުޚާނާތަކަށް ދިން ޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ހޫޘީ ޖަމާއަތުންނެވެ. ނަމަވެސް ސަޢުދީގެ މަސްޢޫލުވެރިންވަނީ އެ ޙަމަލާތައް އައިސްފައިވަނީ ޔަމަނުން ނޫންކަމަށާ އެ ޙަމަލާތަކުގެ ފަހަތުގައިވަނީ އީރާންކަމަށް ތުޙުމަތުކުރައްވާފައެވެ.