ކުޅިވަރު

ބެޑްމިންޓަން ފިއުޗަރ ސީރީސްގެ ފައިނަލްތަކުގައި ވާދަކުރާ ކުޅުންތެރިން ކަށަވަރުވެއްޖެ


މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފިއުޗަރ ސީރީސްގެ ފައިނަލްތަކުގައި ވާދަކުރާ ކުޅުންތެރިން ކަށަވަރުވެއްޖެއެވެ.

މުބާރާތުގެ ސެމީފައިނަލްގެ މެޗުތައް އިއްޔެ ނިމުނުއިރު، ފިރިހެން ސިންގަލްސް ފައިނަލުން ޖާގަ ހޯދީ އިންޑިއާގެ ކެވިން އަރޯކިއާ ވޮލްޓަރ އާއި ތައިލޭންޑްގެ ކަންޓަވަޓް ލީލަވެޗަބުތްރުއެވެ. އިންޑިއާގެ ވޮލްޓަރ ފައިނަލުން ޖާގަހޯދީ ސެމީގައި އިންޑިއާގެ ޝްރެޔަންސް ޖައިސްވަލްސް އާއި ވާދަކޮށް ސީދާ ދެގޭމުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތަށް ވޮލްޓަރ ގެންދިޔައީ 21-17 އަދި 21-19އިންނެވެ. ތައިލޭންޑްގެ ލީލަވެޗަބުތްރު ފައިނަލުން ޖާގަހޯދީ ސެމީގައި ސްރީލަންކާގެ ރަންތުޝްކާ ސުސިންދު އާއި ވާދަކޮށް ސީދާ ދެ ގޭމުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ ސެޓުތަށް ލީލަވެޗަބުތްރު ގެންދިޔައީ 21-15 އަދި 21-9އިންނެވެ.

މުބާރާތުގެ އަންހެން ސިންގަލްސްގެ ފައިނަލުން ޖާގަ ހޯދީ މިޔަންމާގެ ތެޓް ތަރް ތުޒާރް އާއި އިންޑިއާގެ މަލްވީކާ ބަންސޯދްއެވެ. ތުޒާރް ފައިނަލުން ޖާގަ ހޯދީ ސެމީގައި އިންޑިއާގެ ސުރުތީ މުންޑަޑާ އާއި ވާދަކޮށް ސީދާ ދެގޭމުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ ދެސެޓުވެސް ތުޒާރް ގެންދިޔައީ 21-10އިންނެވެ. އިންޑިއާގެ މަލްވީކާ ބަންސޯދް ފައިނަލުން ޖާގަ ހޯދީ ސެމީގައި ތައިލޭންޑްގެ ސުޕަޕިޗް ސިލްޕްރަކޯބްގެ މައްޗަށް ސީދާ ދެގޭމުން ކުރިހޯދައިގެންނެވެ. މެޗުގެ ސެޓުތަށް މަލްވީކާ ގެންދިޔައީ 21-10 އަދި 21-14އިންނެވެ.

މުބާރާތުގެ ފިރިހެން ޑަބަލްސްގެ ފައިނަލުން ޖާގަހޯދީ ތައިލޭންޑްގެ ޕައްކަޕޯމް އާއި ޕަނިޗްޕޯމްގެ ޕެއާ އާއި، އިންޑިއާގެ ވެއިބާވް އާއި ޕްރަކާޝް ރާގެ ޕެއާއެވެ. މީގެތެރެއިން ތައިލޭންޑްގެ ޕައްކަޕޯމް އާއި ޕަނިޗްޕޯމްގެ ޕެއާއިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި އެއްވަނަ ސީޑް އުޒުބަކިސްތާނުގެ ބަޚްޝުލައޭވް އާއި ސަވަތްޔޫގިންގެ ޕެއާ ސީދާ ދެގޭމުން ބަލިކޮށްގެންނެވެ. މިމެޗުގެ ސެޓުތަށް ތައިލޭންޑްގެ ޕެއާއިން ގެންދިޔައީ 21-15 އަދި 21-17އިންނެވެ. ފިރިހެން ޑަބަލްސްގެ ފައިނަލުން އިންޑިއާގެ ވައިބާހވް އާއި ޕްރަކާޝްގެ ޕެއާއިން ޖާގަހޯދީ ސެމީގައި މެލޭޝިއާގެ ރޫބެންރާޖް އާއި ޝްޔަޒްމިލްގެ ޕެއާ ސީދާ ދެގޭމުން ބަލިކޮށްގެންނެވެ. މިމެޗުގެ ދެސެޓުވެސް އިންޑިއާގެ ޕެއާއިން ގެންދިޔައީ 21-18އިންނެވެ.

މުބާރާތުގެ އަންހެން ޑަބަލްސްއިން ފައިނަލުގައި ވާދަކުރާނީ ސްރީލަންކާގެ ތިލިނީ އާއި ކަވީދީގެ ޕެއާ އާއި ޗައިނީސް ތައިޕޭއީގެ ކުއޮ ޔޫ ވެން އާއި ލިން ވަން ޗިންގް ގެ ޕެއާއެވެ. ސެމީގައި ލަންކާގެ ކަވިދީ އާއި ތިލިނީގެ ޕެއަރ ޖާގަ ހޯދީ މެލޭޝިއާގެ ލިމް ޕޭ ޒީމްއާއި ލިމް ވެލްނިސްގެ ޕެއަރ ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ލަންކާގެ ޕެއާއިން ގެންދިޔައީ 21-7 އަދި 21-9އިންނެވެ. ޗައިނީސް ތައިޕޭއީގެ ކުއޮ ޔޫ ވެން އާއި ލިން ވަން ޗިންގްގެ ޕެއާ ފައިނަލުން ޖާގަ ހޯދީ އިންޑިއާގެ އަގްނާ އަންތޯ އާއި އަޝްނާ ރޯއީގެ ޕެއާރއާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. މެޗުގެ ސެޓުތައް ޗައިނީސް ތައިޕޭއީގެ ޕެއާއިން ގެންދިޔައީ 21-19 އަދި 21-10އިންނެވެ.

މުބާރާތުގެ މިކްސް ޑަބަލްސްގެ ފައިނަލުން ޖާގަ ހޯދީ ޗައިނީސް ތައިޕޭއީގެ ލޫ ޗިއަ ޕިން އާއި ލިން ވަން ޗިންގެ ގެ ޕެއާ އަދި ތައިލޭންޑްގެ ރޫބެންރާޖް އާއި ވެނޯޝާގެ ޕެއާއެވެ. މިބައިގެ ފައިނަލުން މެލޭޝިއާގެ ރޫބެންރާޖް އާއި ރާދަކްރިޝްނާންގެ ޕެއާއިން ޖާގަހޯދީ ތައިލޭންޑްގެ ލީލަވެޗަބުތްރު އާއި ސިލްޕްރާކްރޯބް ގެ މައްޗަށް ސީދާ ގެދޭމުން ކުރިހޯދައިގެންނެވެ. މިމެޗުގެ ސެޓުތައް މެލޭޝިއާގެ ޕެއާއިން ގެންދިޔައީ 21-17 އަދި 21-19އިންނެވެ. ޗައިނީސް ތައިޕޭއީގެ ލޫ ޗިއަ ޕިން އާއ ލިން ވަން ޗިންގް ގެ ޕެއާއިން ފައިނަލުން ޖާގަ ހޯދީ މެލޭޝިއާގެ ވީ ޕެންގް ސިމް އާއި ޝުއާން ލިމްގެ ޕެއާ ސީދާ ދެގޭމުން ބަލިކޮށްގެންނެވެ. މިމެޗުގެ ސެޓުތައް ޗައިނީސް ތައިޕޭއީގެ ޕެއާއިން ގެންދިޔައީ 21-10 އަދި 21-12އިންނެވެ.