ޚަބަރު

މާލޭގެ ސަލާމަތަށް އެއްވެސް ސަރުކާރަކަށް ރަނގަޅު ޕްލެއިނެއް އެކުލަވާލެވިފައި ނުވޭ - ޖާބިރު


މާލޭގެ ސަލާމަތަށް އެއްވެސް ސަރުކާރަކަށް ރަނގަޅު ޕްލެއިނެއް އެކުލަވާލެވިފައި ނުވާކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ހުކުރުދުވަހުގެރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޖާބިރު ހުށަހެޅުއްވި ޤަރާރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މާލެއަކީ ރާއްޖޭގެ އެތައްބަޔަކު ދިރިއުޅެމުންދާ ތަނަކަށްވާއިރު މާލޭގެ ސަލާމާތަށް އެއްވެސް ސަރުކާރަކަށް ރަނގަޅު ޕްލެއިނެއް އެކުލަވާލެވިފައި ނުވާކަމަށެވެ. ސަރުކާރުތަކުން ކަންކަން ކޮށްފައިވަނީ އަތޮޅުތަކުގެ ރައްޔިތުން މާލެއަންނާނެގޮތަކަށް ކަމަށާ، މިކަންކަން ބަދަލުކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ ސަލާމަތީ ބާރުތަކުގައިވެސް މިފަދަ ހާދިސާތަކުގައި އަޅަންޖެހޭ އަވަސްފިޔަވަޅު އެޅުމުގައި އެކަށީގެންވާ ވަސީލަތްތައް ނެތްކަމަށެވެ. މިކަންކަމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށާ، މިކަންކަމަށް ސަރުކާރުން އަވްސް ފިޔަވަޅުތަކެއް އަޅުއްވަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"މާލެއަކީ ރާއްޖޭގެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާތަން. މިތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވޭ. ހުސްވާހަކަތަކެއް ދައްކަނީ. ސަލާމަތީ ބާރުތަކުގައި މާދަމާ ކަމެއް ދިމާވިޔަސް ހައްލުކުރެވޭނެ ވަރުގެ ވަސީލަތްތަކެއް ނެތް. މިއީ ކަންބޮޑުވާންޖެހޭކަމެއް." ޖާބިރު ވިދާޅުވިއެވެ.

މިބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި މާލެއަށް ނިސްބަތްވާ މެމްބަރުބަރުންގެ ތެރެއިން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ވިދާޅުވީ ސަރުކާރުން މިހާދިސާގައި ވަގުތުން ވަގުތަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއިމެދު އުފާކުރައްވާކަމަށެވެ. ސަރުކާރުން މިވަގުތު ކުރަންޖެހޭ އެންމެ މުހިންމުކަމަކީ މިފަދަ ޙާދިސާތަކުން ސަލާމަތްވުމަށް އެޅުއްވި ފިޔަވަޅުތައް ތާރީޚުތަކެއް ކަނޑައަޅައި ތަންފީޒު ކުރެވޭނެ ގޮތެއް ކަނޑައެޅުންކަމަށެވެ.

"ސަރުކާރުން މިކަމުގައި އަަމަލުކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމުގައި އަޅުގަނަޑުދެކެން. ހަމަ އެހެންމެ ސަރުކާރުން މިކަމުގައި އެކުލަވާލާފައިވާ ޕްލެއިނާއި، އެޕްލެއިން ތަންފީޒްކޮށް ނިމޭނެ ތާރީޙްތައް ކަނޑައަޅަންޖެހޭ. މިހާދިސާގައި ޤައުމުގެ ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތާއިމެދު އަޅުގަނޑު ނުހަނު ހިންހަމަޖެހޭ" ހަސަން ލަތީފް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަފުޅުދައްކަވަމުން، މާލެއަށް ނިސްބަތްވާ މެމްބަރުންވަނީ މާލޭގެ މިހާރުގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވީ މާލޭގައި މިފަދަ ހިތާމަވެރި ހާދިސާތައް ދިމާވާ އެންމެބޮޑު އެއްސަބަބަކީ މާލޭގެ ބޯހިޔާވަހިކަން ނެތުންކަމަށެވެ. ސަރުކާރުތަކުން މިކަމަށް ވެފައިވާ އިހުމާލުތަކަކީ މިފަދަ ޙާދިސާތައް ތަކުރާރުވުމުގެ އަސްލުކަމަށް އޭނާ ވިދާޅުވިއެވެ. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވީ ކޯސްޓްލައިން ޙާދިސާގެ ހަނދާންތައް އަދިވެސް ކުރެވެމުންދާ ދަނޑިވަޅެއްގައި މިފަދަ އިތުރު ހާދިސާއެއް ހިނގައިދިޔަކަމީ ކަންބޮޑުވާކަމެއްކަމަށެވެ. މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދީގެން ކުރައްވަންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މާލެއަށް ދިމާވެފައިވާ އެންމެބޮޑު މައްސަލަޔަކީ ބޯހިޔާވަހިކަމުގެ ދަތިކަން. މާލޭގެ ރައްޔިތުން އުޅެމުންދާ ހާލާއި، އުޅެމުންދާ ގޮތް އަޅުގަނޑުމެންނަށް ފެނޭ. މިކަންކަމަށް ހައްލު އަންނަންޖެހޭ. ހާދިސާއެއް ދިމާވުމުން އެކަމުން އެފަދަ އެހެންކަމެއް ތަކުރާރުނުވާނޭ ގޮތަކަށް ވިސްނުން ބައްޓަންކުރަންޖެހޭ" ހުސެއިން ޝަހީމް ވިދާޅުވިއެވެ.

މި މައްސަލައަށް ވާހަކަ ދައްކަވަމުން ކުޑަހުވަދޫ ދައިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ މިހާދިސާގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 400 އަށް އަރާއިރު މި އެންމެން 11 ގޭގައި ދިރިއުޅެމުން ދިޔަކަމީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި މިހާދިސާ ހިނގައި ސިފައިންނާއި ފުލުހުން ކިތަންމެ އަވަސް މަސައްކަތްތަތެއް ފެށިނަމަވެއް އެކަށީގެންވާ ވަސީލަތްތައް ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" ސިފައިންނާއި، ފުލުހުންގެ އަތުގައި މިފަދަ ހާދިސާތަކަށް ހާއްސަ ވަސީލަތްތައް ހުރިނަމަ މިވަރުގެ ގެއްލުމެއް ނުލިބޭނެ. އަޅުގަނޑަށް ފެނޭ މި މަޖިލީހުން އިތުރަށް ބަޖެޓް ދޭންޖެހިއްޖެނަމަ އެކަން ކޮށްގެންވެސް މިފަދަ ހާދިސާތަކުން އަވަސް ފިޔަވަޅު އެޅޭނެ ވަސީލަތްތައް ސަލާމަތީ ބާރުތަކަށް ހޯދައިދިނުމަށް" އާމިރު ވިދާޅުވިއެވެ.

މިބަހުސްގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ މިހާދިސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބް ރައީސް އަދި މުޅި ސަރުކާރުން މިކަމުގައި އެޅުއްވި އަވަސް ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަމުން ރައްކާތެރިވުމަށް އަދުގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުއަޅައި ތަންފީޒުކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް ކަމުގައިވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މާލޭގައި ހިނގައިދިޔަ ހާދިސާއާއި ގުޅިގެން ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ މިފަދަ ޙާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި މިކަމުގައި މަޖިލީހުގެ ތެރެއިން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބިގެންދާނެކަމަށްވެސް މެމްބަރުންވަނީ ވިދާޅުވެފައެވެ.