ޚަބަރު

700 އަށްވުރެ ގިނަ ވެހިކަލްގައި މިދިޔަ ހަފްތާގައި ސްޓިކާޖެހި!


ޤަވާޢިދާ ޚިލާފަށް ޕާކްކޮށްފައިވާ 700އަށްވުރެ ގިނަ ވެހިކަލްގައި ނިމިދިޔަ ހަފްތާގައި ސްޓިކާޖަހައިފިއެވެ.

ކޮންމެ ހަފްތާއަކު ފުލުހުންނެރޭ ތަފާސްހިސާބުތަކުގެ ތެރެއިން ނިމިދިޔަ ހަފްތާގެ ތަފާސްހިސާބުތަކަށްބަލާއިރު، ޤަވާއިދާ ޚިލާފަށް ޕާކްކޮށްގެން 717 ވެހިކަލްގައިވަނީ ސްޓިކާޖަހާފައެވެ. 519 ވެހިކަލެއް ބަލާފާސްކޮށްފައިވާއިރު، 94 އުޅަދެއްވަނީ ޓޯކޮށްފައެވެ. ފާއިތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި ހިނގި 59 އެކްސިޑެންޓްގައި 18 މީހަކަށް އަނިޔާވެ ހޮޕިޓަލުގައި ވަނީ ފަރުވާދީފައެވެ.

މީގެ އިތުރުން ލައިސަންސްނެތި ސައިކަލު ދުއްވާފައިވާ 115 މީހަކު ހިފަހައްޓަފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ކޮންމެ ހަފްތާއަކު މާލޭގައި ފުލުހުން ހިންގަމުންދާ ޙަރަކާތްތަކުގައި ޤަވާއިދާޙިލާފަށް ހިންގާ ގިނަކަންކަން ބަލައި ފިޔަވަޅު އަޅަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މާލޭގައި މަސައްކަތްކުރަމުންދާ 48 ކޮންސްޓްރެކްޝަން ސައިޓެއް ބަލައި ފާސްކޮސްފައިވާއިރު، ސިގިރޭޓްބުއިން މަނާ ތަންތަނުގައި ސިގިރެޓް ބުއި މައްސަލާގައި 07 ފަރާތެއް ޖޫރިމަނާ ކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ފުލުހުން ކޮންމެ ހަފްތާއަކު ހިންގަމުންދާ ބަލާފާސްކުރުމުގެ ޕްރޮގުރާމުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ ގިނަ ދުވަސްވީ އުޅަދުތައް ނެގުމުގެ މަސައްކަތްތައްވެސް ފުލުހުންދަނީ ކުރަމުންނެވެ. މިގޮތުން މާލޭގެ 19 ސަރަހައްދެއްގައި ގަވާއިދާ ޙިލާފަށް ޕާކްކޮށްފައިވާ މިފަދަ އުޅަދުތައް ނަގަމުންދާނެކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.