ޚަބަރު

އަލިފާނުގެ ޙާދިސާގައި ސަރުކާރުގެ ނިންމުންތައް ލަސް - އިދިކޮޅު


މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ސަރުކާރުން ނިންމުންތައް ނިންމުމުގައި ލަސްތަކެއް ފެނުނުކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އަލިފާނުގެ ޙާދިސާއާގުޅިގެން ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަލިފާނުގެ ހާދިސާތައްފަދަ ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމަށް މަޖީދީމަގުގައި ކުރީގެ ސަރުކާރުން އަޅާފައިވާ ހައިބްރައިޑް ސިސްޓަމަކީ ބޭނުންކުރެވޭނެ ނިޒާމެއްކަމަށެވެ.

އަލިފާން ކޮންޓްރޯލް ކުރުމަށް އެ ނިޒާމްގެ ތެރެއިން ފެންޖެހޭނެކަމަށާއި ނަމަވެސް އެ ނިޒާމް ބޭނުންނުކުރި ސަބަބު ބަލަންޖެހޭކަމަށް މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒުގެ ވާހަކަފުޅުގައި މިފަހަރު މިހިނގި އަލިފާނުގެ ހާދިސާއަކީ މާލޭގައި ހިނގި ބޮޑު ހާދިސާއެއްކަން ސިފަކުރައްވާ ވިދާޅުވީ، އަލިފާންގަނޑު ކޮންޓްރޯލްކުރުމުގައާއި އެދަނޑިވަޅުގައި ސަރުކާރުން ނިންމަންޖެހޭ ނިންމުންތަކާއި ނަގަންޖެހޭ ޒިންމާތައް ނެގުމުގައި ވަރަށް ބޮޑެތި ލަސްތަކެއް ފާހަގަކުރެވުނުކަމަށެވެ.

"ވަރަށް ގިނަ ވަގުތު ހޭދަވި ހުޅުލޭގައި އޮތް ފަޔަ ލޮރީ ގެންނަންވެސް. ކެމިކަލްގެ ސަބަބުން ރޯވާ އަލިފާން ނިންވާލެވޭ ފަޔަރ ލޮރީ ފޯމް ގެނައުމުގައި ވަރަށް ގިނަ ވަގުތު ނަގައިގެން އެ ނިންމުން އެބޭފުޅުން ނިންމީ. ވަރަށް ކަންބޮޑުވާކަމެއް. އެ ނިންމި ހިސާބުން 10 ވަރަކަށް މިނެޓްތެރޭ ގެނެވި ކޮންޓްރޯލް ކުރެވުނު." މުޢިއްޒު ވިދާޅުވިއެވެ.

މި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރުވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އާދަމް ޝަރީފް ވިދާޅުވީ މާލެއަށް ދިމާވި މިހިތާމަވެރި ވަގުތުގައި ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޤައުމުގައި ހުންނަވައިގެން ކުރައްވަންޖެހޭ ކަމެއްކަމަށްވެސް ކުރީގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ސަރުކާރުގައި އަލިފާނުގެ ހާދިސާތައްފަދަ ކަންކަން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށެވެ. އެގޮތުން ނުރައްކާ ތަކެތި ގުދަންކުރޭތޯ ޤަވާއިދުން ޗެކުކުރަމުން ގެންދިޔަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޚާއްޞަކޮށް ކެމިކަލްފަދަ ތަކެތި އެހެންތަންތނަށް ބަދަލުކުރުމަށް މަސައްކަތްފެށިން. ދާއިމީ ހައްލެއްހޯދުމަށް އިންޑަްޓްރިއަން ޒީންގައި ހެދުމަށް ބާރުއެޅީން. އަމާޒަކަށްވީ މީހުން ދިރިއުޭޅ ސަރަހައްދުން ކެމިކަލްފަދަ ތަކެތި އެހެން ސަރަހައްދަކަށް ބަދަލުކުރުން. އެޕްލޭންގެ ދަށުން ކޮންމެސްވަރަކަށް ކުރެވުނު. ހާދިސާތަކުން ގެއްލުން ކުޑަކުރުމަށް މާލޭގައިވެސް މަސައްކަތްތަކެއްކުރެވުނު." އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

މި ޕްރެސްކޮންފަރެންސްގައި އިދިކޮޅު ފަރާތްތަކުންވަނީ އަލިފާނުގެ ހާދިސާގައި ޙާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ޓެލެތޯނެއް ބޭއްވުމަށް ނިންމާފައިވާކަންވެސް ހާމަކޮށްފައެވެ.