ސިޔާސީ

ޓެރަރިޒަމްގެ ޤާނޫނަށް ހުށައެޅި އިޞްލާޙުތަކަށް ބަހުސްކުރުން މާދަމާ


ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިޞްލާހުތަކަށް ބަހުސްކުރުން މާދަމާ ބާއްވާ ދައުރުން ބޭރުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. ޓެރަރިޒަމްގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުތައް ފާސްކުރުމަށް ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނިންމާފައެވެ.

ޓެރަރިޒަމްގެ ޤާނޫނު އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުގެ ފުރަތަމަކިޔުން މިމަހުގެ 12ވަނަ ދުވަހު ބޭއްވި ދައުރުން ބޭރު ޖަލްސާގައި ވަނީ އިއްވާފައެވެ. އަދި އެދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްވަނީ މިބިލާމެދު މެމްބަރުންދެކޭގޮތް ހާމަކުުރުމަށް ފުރުސަތުދެއްވާފައެވެ.

އެޖަލްސާގައި ވާހަކަފުޅުދެއްކެވި އެމްޑީޕީގެ މެމްބަރުންވަނީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކަމާމެދު ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކުރައްބާފައެވެ. އެގޮތުން މަޖިލިސް ޗުއްޓީއަށް ދިއުމުން ސަރުކާރުން މިބިލް ހުށަހެޅުއްވުމުގެ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށް ބައެއް މެމްބަރުން ވިދާޅުވިއެެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭއިރު ޓެރަރިޒަމްގެ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ވަނީ ކަނޑައަޅާފައެވެ. ޓެރަރިޒަމްގެ ޤާނޫނު މިހާރު އޮންނަ ގޮތުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ ކުށެކެވެ. އެކަމަކު ކުށަކަށްވަނީ އެފަދަ ހަނގުރާމައެއްގައި ބައިވެރިވުމުން ނުވަތަ ހަނގުރާމައެއްގައި ބައިވެރިވާން ހިނގައްޖެ ނަމައެވެ.

ސަރުކާރުން ވަނީ ޓެރަރިސްޓު ޖަމާޢަތްތައްކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރާ ޖަމާޢަތްތަކުގެ ލިސްޓެއްވެސް ޢާންމުކުރައްވާފައެވެ.