ޚަބަރު

ގެއްލުންވި ހުރިހާ ދަރިވަރުންނަށް ކޮޕިއަރއިން ޕާސްޓް ޕޭޕަރސް ދެނީ


ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހިލޭ ޕާސްޓް ޕޭޕަރސް ދޭން ކޮޕިއަރ ރިޕެއަރ ނިންމައިފިއެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި އޯލެވެލް އަދި އޭލެވެލްގެ ޕާސްޓް ޕޭޕަރސް ވިއްކަމުން އަންނަ ކޮޕިއަރ އިން ބުނީ ރޭގެ ހާދިސާގައި ގެއްލުންވި އާއިލާތަކުގައި ތިބި އޯލެވެލް އަދި އޭލަވެލް އަށް ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ކުރިޔަށް އޮތް މަހު އިމްތިހާނު ހަދާ ދަރިވަރުންނަށް ބޭނުންވާ ޕާސްޓް ޕޭޕަރސް އެ ތަނުން ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ކުދިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމަންޓް މެދުވެރިކޮށް ކޮޕިއަރ އަށް އެންގުމަށްވެސް އެތަނުން އެދެއެވެ.

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ހަ ގެއެއް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އަދި އެ ގެތަކުގައި ދިރިއުޅެމުންދިޔަ ހަތަރު ސަތޭކައަށްވުރެ ގިނަ މީހުންވަނީ ޑިޒާސްޓަރގެ އެހީތެރިކަމަށް އެދިފައެވެ. މި ފަރާތަކަށް އެހީވުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ އާއްމުންވަނީ އެހީގެ ތަކެތި ފޯރުކޮށްދީފައެވެ.

ރޭ ގާތްގަޑަކަށް 19:35 އެހާކަންހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލުކުރެވިފައިވަނީ ރޭ ފަތިހު 03:00 ގެ ފަހުންނެވެ. މި ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނެއް ވަނީ ނިޔާވެފައެވެ.