ބޯކޮށްވާރޭ ވެހި މާލޭގައި ފެން ބޮޑުވެއްޖެއެވެ. މިރޭ ދަންވަރު 12:00ގައި ވެހެން ފެށި ވާރޭ ފަތިސް ވީއިރުވެސް ހުއްޓާލާފައެއް ނުވެއެވެ.
ބޯކޮށް ވެހެނު ވާރޭއާއި އެކު މާލެގެ ބައެއް ސަރަހައްދުތަކުގައިވަނީ 2 ފޫޓަށް ވުރެ އުސްކޮށް ފެން ބޮޑުވެފައެވެ. އަދި ބައެއް ހިސާބުތަކުގައި ގޭގެއަށް ފެން ވަދެ ދުއްވާ ތަކެތި ދުއްވުމަށްވެސް އަންނަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ.
މާލޭގެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާ ޝަމާއު ޝަރީފު ދިވާޅުވީ ބޯކޮށް ވާރޭވެހި މާލޭގެ ފެންބޮޑުވެފައިވާތީ މާލޭގައި ފެންހިންދުމަށް ބަހައްޓާފައިވާ ޕަމްޕްތައް ޖައްސާފައިވާކަމަށާއި އެމްއެންޑީއެފްގެ އެހީތެރިކަމަށްވެސް އެދިފައިވާކަމަށެވެ. އަދި އިތުރު ޕަމްޕްތައް ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޝަމާއު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރަމުންދާއިރު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދަށް ލެޔޯ އެލާޓްވެސް ނެރެފައެވެ. މި ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ ފަތިހު 04:00 ފެށިގެން ހެނދުނު 07:00 އަށެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހޭނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި ޚާއްސަކޮށް މެދުތެރެއާއި ދެކުނު އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކުން މަޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެ ބައެއް ގެތަކަށް ފެންވަންނަކަމުގެ ރިޕޯޓްތައް ލިބެމުންދާކަމަށެވެ. އަދި ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ގެތަކުގެ ފަރާތްތަކުން ފެނުގެ އަސަރު ކުރުމުގެ ކުރިން ގެއަށް ފެން ނުވަންނާނެ ގޮތަށް ވެލި ބަސްތާ ފަދަ އެއްޗެތި ބޭނުންކުރުމަށްވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.