ޚަބަރު

ވަގު ޕާސްޕޯޓަކާއެކު ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު އަނެއްކާވެސް ހިފަހައްޓައިފި


ވަގު ޕާސްޕޯޓަކާއެކު ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު އަނެއްކާވެސް ހިފަހައްޓައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޕާސްޕޯޓެއްގެ ބައެއް ނަކަލުކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި ބިދޭސީއަކު މިއަދު ހުއްޓުވާފައިވާކަމަށެވެ. ނަމަވެސް އޭނާއާއި ބެހޭ އިތުރު މަޢުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއްނުވެއެވެ.

ވަގު ޕޯސްޕާޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީއަކު އިމިގްރޭޝަނުން މިއަދު ހިފަހައްޓާފައިވާއިރު، މިމަހުގެ 17 ވަނަ ދުވަހުވެސް ވަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއަކު ހުއްޓުވާފައެވެ. އަދި މިއަހަރުގެ މިހާތަނަށް ޝަޙްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 12 މިހަކު އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.

ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުމަށާއި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ. މި ސިޔާސަތުގައި ޤާނޫނީ އިމުން ބޭރުން ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅެމުން ގެންދާ ބިދޭސީންގެ ކަންކަމަށް ހައްލެއް ހޯދުމާއި، އިޤްތިޞާދީ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އިންތިޒާމު ކުރުން ހިމެނެއެވެ.

އެގޮތުން، ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ އައުމަށްފަހު، ޤާނޫނާ ޚިލާފަށް، ޤާނޫނީ އިމުން ބޭރުގައި މަސައްކަތް ކުރަމުންދާ ފަރާތްތައް، ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމަވާފައެވެ.