ޚަބަރު

ހޮންގްކޮންގްގެ ފުލުހުންދަނީ މުޒާހަރާކުރާ ފަރާތްތަކަށް އަނިޔާކުރަމުން: އެމްނެސްޓީ


ހޮންގްކޮންގްގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާ ފަރާތްތަކަށް އެ ޤައުމުގެ ފުލުހުން އަނިޔާކޮށް، އެ ފަރާތްތަކުގެ ހައްޤުތައް ނިގުޅައިގަންނަމުންދާކަމަށް އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާޢަތް އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފިއެވެ.

ހޮންގްކޮންގްގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް މީގެ ތިން މަސްކުރިން ފެށި މުޒާހަރާތަކުގައި ފަހަކަށް އައިސް ހަމަނުޖެހުންތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު މި ހަމަނުޖެހުންތަކުގައި ހޮންގްކޮންގްގެ ސަލާމަތީ ބާރުތަކާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތައްވެސް ހިނގާފައިވެއެވެ.

ހޮންގްކޮންގްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ތަޙުޤީޤުކުރުމަށްފަހު ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތައް ރައްކާތެރިކުރާ ޖަމާޢަތުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މުޒާހަރާތައް ކުރަމުންދާ ވަގުތުތަކުގައި ޢާއްމުންނަށް އަނިޔާވާފަދަ އުކުޅުތައް ހޮންގްކޮންގްގެ ސަލާމަތީ ބާރުތަކުން ބޭނުންކުރަމުންދާކަމަށެވެ. އަދި މިއީ ޤާނޫނާ ޤަވައިދާ ޚިލާފު އުކުޅުތަކެއްކަމަށްވެސް އެމްނެސްޓީ އިންޓަރނޭޝަނަލުންވަނީ ބުނެފައެވެ. އެ ޖަމާޢަތުން ބުނެފައިވަނީ މުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިންގާކަމަށްބުނެ ހައްޔަރުކޮށްފައި ތިބި ފަރާތްތަކަށް ފުލުހުންނާ ސަލާމަތީ ބާރުތަކުން އަނިޔާތައް ކުރަމުންދާކަމުގެ ތުޙުމަތުތައްވެސް ފެންމަތިވެފައިވާކަމަށާ މިކަމަށް ބާރުދޭ ހެކި ހޯދިފައިވާކަމަށެވެ.

އެމްނެސްޓީގެ މި ރިޕޯޓަށް ރައްދު ދެމުން ހޮންގްކޮންގްގެ ފުލުހުން ބުނެފައިވަނީ އެފަރާތުގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންގެ ޙައްޤުތަކާ ކަރާމަތާ ޢިއްޒަތަށް އެންމެ ފުރިހަމައަށް އިޙްތިރާމް ކުރަމުންދާކަމަށާ މިފަދަ ފަރާތްތަކުގެ ޙައްޤުތައް މަޙްރޫމްވެގެންދާނެފަދަ އެއްވެސް ފިޔަވަޅެއް ފުލުހުން ނާޅާކަމަށެވެ. އަދި މުޒާހަރާތައް ކޮންޓްރޯލްކުރުމަށް ފުލުހުން ބާރު ބޭނުންކުރަމުންދަނީ ކަމާ އެކަށީގެންވާ އެންމެ މަދު މިންވަރަށްކަމަށާ މިކަމުގައި ސަރުކާރުގެ އުޞޫލުތަކާ ޤަވާއިދުތަކަށް ފުލުހުން ފުރިހަމައަށް ކިޔަމަންވަމުންދާކަމަށް ފުލުހުން ބުނެއެވެ.