ޚަބަރު

މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމަށް އެމެރިކާއިން އުފައްދަން މަސައްކަތްކުރާ އިއްތިޙާދަށް އީރާނުން ފާޑުކިޔައިފި


މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމުގެ ނަމުގައި އެމެރިކާއިން އުފައްދަން މަސައްކަތްކުރާ ބައިނަލްއަޤްވާމީ އިއްތިޙާދަށް އީރާނުގެ ޚާރިޖީވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ފާޑުކިއުންތައް އަމާޒުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ޚާރިޖީވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެފައިވަނީ އެމެރިކާއިން މިހާރު މަސައްކަތްތައް ކުރަމުންދަނީ މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމަށްޓަކައި ބައިނަލްއަޤްވާމީ އިއްތިޙާދެއް އުފެއްދުމަށްކަމަށެވެ.

މިކަމަށް އިޝާރާތްކުރައްވާ ކުރެއްވި ޓުވީޓެއްގައި އީރާނުގެ ޚާރިޖީވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވީ މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމަށް އެމެރިކާއިން އިސްވެ، ބައިނަލްއަޤްވާމީ އިއްތިޙާދެއް އުފެއްދުމަކީ ސުވާލުއުފެދޭކަމެއްކަމަށެވެ. ޒަރީފް އިތުރަށް ވިދާޅުވީ މެދު އިރުމަތީގައި ސުލްޙަ ޤާއިމުކުރުމުގެ މަސައްކަތްތައް އީރާނުން 1985ވަނަ އަހަރުން ފެށިގެން ކުރަމުންދާކަމަށެވެ. އަދި މީގެ ތެރޭގައި 2015ވަނަ އަހަރުން ފެށިގެން ޔަމަނުގައި ކުރަމުންދާ ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ހޯދުމުގެ ގޮތުން އީރާނުން އަޅާފައިވާ ސިޔާސީ ފިޔަވަޅުތައްވެސް ހިމެނޭކަމަށް ޖަވާދު ޒަރީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގަލްފް ސަރަޙައްދުގައި ޙަމަލާތައް ބަދަލުކުރުން މަނާކުރާ މުޢާހަދާއެއް އެކުލަވާލުމަށްވެސް އީރާނުން ހުށަހަޅާފައިވާނެކަމަށް އީރާނުގެ ޚާރިޖީވަޒީރު ވިދާޅުވިއެވެ. މެދު އިރުމަތީގައި ސުލްޙަ ޤާއިމުކުރުމަށް އިއްތިޙާދެއް އުފެއްދުމަށް އެމެރިކާއިން ހުށަހަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ސަޢުދީ ޢަރަބިއްޔާގެ ތެލުގެ ސިނާޢަތަށް މުހިއްމު ކާރުޚާނާއަކާ ތެޔޮ ދަނޑަކަށް ދިން ޙަމަލާގެ ފަހަތުގައިވަނީ އީރާނުކަމަށް އެމެރިކާއާ ސަޢުދީން ތުޙުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ތުޙުމަތުތައް އީރާނުންވަނީ ދޮގުކޮށްފައެވެ.

އެމެރިކާއިން މެދުއިރުމަތީގެ ސުލްޙައަށް ބައިނަލްއަޤްވާމީ އިއްތިޙާދެއް ޤާއުމުކުރަން މަސައްކަތްކުރާކަން ހާމަކުރައްވާ، ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕޮމްޕެއޯ ވިދާޅުވީ އެމެރިކާއިން ބޭނުންވަނީ މެދު އިރުމަތީގެ މައްސަލަތަކަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ އިއްތިޙާދެއް އުފައްދަންކަމަށެވެ. އަދި މިއީ ހަމައެކަނި ސުލްޙަވެރި މަޤްޞަދެއްގައި އުފައްދާ އިއްތިޙާދެއްކަން އީރާނަށް ވިސްނޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް އެމެރިކާގެ ޚާރިޖީވަޒީރު ވިދާޅުވިއެވެ.