ޚަބަރު

އެމެރިކާއިން ދިން ޑްރޯން ޙަމަލާއެއްގައި އަފްޣާނިސްތާނުގެ ޢާއްމުންގެ ގިނަބަޔަކު މަރުވެއްޖެ


އަފްޣާނިސްތާނުގެ އިރުމަތީގެ ސަރަޙައްދުގައި ހުރި އައި.އެސް ހަނގުރާމަވެރިންގެ އަމާޒުތަކަށް އެމެރިކާއިން ދިން ޑްރޯން ޙަމަލާތަކެއްގައި އަފްޣާނިސްތާނުގެ ޢާއްމުންގެ 30 މީހުން މަރުވެއްޖެއެވެ.

އަފްޣާނިސްތާނުގެ އޮފިޝަލުން ބުނެފައިވަނީ މި ޙަމަލާގައި މަރުވެފައިވަނީ އެ ސަރަޙައްދުގައި ހުރި ދަނޑުބިންތަކެއްގައި މަސައްކަތްކުރުމަށްފަހު މަޑުކޮށްލައިގެންތިބި ޢާއްމުންގެ ބައެއްކަމަށެވެ. މި ޙަމަލާގައި އިތުރު 40 މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށް އަފްޣާނިސްތާނުގެ އޮފިޝަލުންވަނީ ބުނެފައެވެ.

އަފްޣާނިސްތާނުގެ އޮފިޝަލުން ބުނެފައިވަނީ މި ދަނޑުބިންތަކަށް އަމާޒުކޮށް އެމެރިކާގެ ޑްރޯންއިން ޙަމަލާތައް ދިން އިރު އެތަނުގައި ތިބި މަސައްކަތްތެރިން ތިބީ އަލިފާންގަނޑެއް ރޯކޮށްގެންކަމަށާ އެތަނުގައި އެވަގުތު ސަތޭކަ ފަންސާސް މީހުން ތިބި ކަމަށެވެ. އަދި މި ޙަމަލާއަށްފަހު ގިނަ ބަޔަކު ވީނުވީތަނެއް ނޭނގި ގެއްލިފައިވާކަމަށް އަފްޣާނިސްތާނުގެ އޮފިޝަލުންވަނީ ބުނެފައެވެ.

އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ފަރާތުން ވާހަކަދެއްކެވި ތަރުޖަމާނަކުވަނީ އެ ޤައުމުގެ އިރުމަތީގައި ހުރި އައި.އެސްގެ އަމާޒުތަކަށް އެމެރިކާއިން ޑްރޯން ބޭނުންކޮށްގެން ޙަމަލާތައް ދީފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި މި ޙަމަލާގައި ޢާއްމުންގެ ގިނަބަޔަކު މަރުވެފައިވާކަން އެނގޭ ކަމަށާ، މިކަން މިގޮތަށް ދިމާވި ސަބަބު ހޯދުމަށް އެމެރިކާގެ ފައުޖުތަކުން މިހާރު މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.