ސަޢުދީ ޢަރަބިއްޔާގެ ތެނުގެ ސިނާޢަތަށްދިން ޙަމަލާގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ނައްތާލުމަށް ޢަރަބި ޤައުމުތަކުން މަޝްވަރާކުރުން އިސްކުރުމަށް ރަޝިޔާއިން ގޮވާލައިފިއެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަވާ ވާހަކަދައްކަވަމުން ރަޝިޔާގެ ޚާރިޖީވަޒީރު ސަރްގެއި ލަވްރޯފްވަނީ މިފަދަ ދެވަނަ ޙަމަލާއެއް ނުވަތަ ޙާލަތެއް މެދުވެރިވިޔަނުދިނުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، ލަވްރޯފްވަނީ އީރާނަށް ކުރެވޭ ތުޙުމަތުތަކުގެ ސަބަބުން ޢަރަބި ޤައުމުތަކުގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ.
މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ސަޢުދީ ޢަރަބިއްޔާގެ ތެލުގެ ސިނާޢަތަށް އަމާޒުކޮށް، އެ ޤައުމުގެ ތެލާބެހޭ ޤައުމީ ކުންފުނިކަމަށްވާ ސަޢުދީ އަރަމްކޯގެ އިބްޤީޤްއާއި ހިޖްރަތު ޚުރައިސްގައިވާ ތެލުގެ ކާރާޚާނާތަކަށް ދިން ޙަމަލާގެ ސަބަބުން އެ ޤައުމުން ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ ނިސްބަތްވަނީ ދެބައިކުޅަ އެއްބައި ދަށަށްގޮސްފައެވެ. މި ޙަމަލާގެ ޒިންމާ ޔަމަނުގައި އެ ޤައުމުގެ ސަރުކާރާ ސަރަޙައްދީ އަސްކަރީ އިއްތިޙާދާ ހަނގުރާމަކުރަމުންދާ އިދިކޮޅު ހޫޘީ ޖަމާޢަތުން ނެގި ނަމަވެސް، އެމެރިކާއިން ތުޙުމަތުކުރާ ގޮތުގައި އެ ޙަމަލާދީފައިވަނީ އީރާން މެދުވެރިވެއެވެ.
އެހެންނަމަވެސް އީރާނުން އެ ތުޙުމަތުތައް ދޮގުކުރެއެވެ.