މުނިފޫހިފިލުވުން

އައިފާ އެވޯޑްސް 2019: މިފަހަރު ވިދާލީ ރަންވީރާއި އާލިއާ


އިންޓަރނޭޝަނަލް އިންޑިއަން ފިލްމް އެކަޑަމީ އެވޯޑްސް ނުވަތަ އައިފާ އެވޯޑްސްއަކީ ހިންދީ ފިލްމް ސިނަމާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. އަދި މިއީ އެންމެ ގިނަ ބަޔަކު އެ އެވޯޑް ޙަފްލާއަކަށް އެންމެ އިންތިޒާރުކުރާ އެއް އެވޯޑް ހަފްލާވެސްމެއެވެ.

ބޮލީވުޑް އޮސްކާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އައިފާ އެވޯޑްސްގެ 20 ވަނަ އެޑިޝަން މިމަހުގެ 18 ވަނަ ދުވަހު ބާއްވާފައިވާއިރު، މިފަހަރުގެ އެވޯޑް ހަފްލާގައިވެސް ބޮލީވުޑްގެ އޭ ލިސްޓުގައި ގުނާލެވޭ ތަރިންގެ އިތުރުން އަރަމުން އަންނަ ތަރިން ބައިވެރިވެފައިވެއެވެ.

މިފަހަރުގެ އައިފާ އެވޯޑްސްގެ އެންމެ ޝަރަފުވެރި އެވޯޑްތައް ޙާސިލުކުރި ފަރާތްތަކަށް ބަލާލާއިރު، އެންމެ މޮޅު އެކްޓަރގެ އެވޯޑް ލިބިފައިވަނީ ރަންވީރް ސިންޙަށެވެ. އޭނާ މި އެވޯޑް ޙާޞިލުކޮށްފައިވަނީ 2018 ވަނަ އަހަރު ރިލީޒްކުރި ސަންޖޭލީލާ ބަންސާލީގެ ކާމިޔާބު ފިލްމް "ޕަތްމަވާތް" އިންނެވެ. ހަމަ މި ފިލްމުން ރަންވީރް ވަނީ ފިލްމް ފެއަރ ކްރިޓިކްސް އެވޯޑް ފޯރ ބެސްޓް އެކްޓަރގެ އެވޯޑް މިއަހަރު އުފުލާލާފައެވެ. މި ފިލްމުން ރަންވީރަށް އެކި އެވޯޑް ހަފްލާތަކުން ކާމިޔާބު ވަނަތަކެއް ލިބިފައިވާއިރު، މިއީ އޭނާގެ ފިލްމީ ކެރިއަރުގައި އެންމެ ތަފާތު ރޯލެއް ފެނިގެންދިޔަ ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އެގޮތުން "ޕަތްމަވާތް"ގައި އޭނާ ދައްކުވައިދިން އަލާއުއްދީން ކިލްޖީގެ ރޯލަށް އެތައްބައެއްގެ ތަޢުރީފު ލިބިފައިވެއެވެ.

އައިފާ އެވޯޑްސްގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް މިފަހަރު އުފުލާލާފައިވަނީ ބަޠަލާ އާލިއާ ބަޓެވެ. އޭނާ މި އެވޯޑް ޙާސިލުކޮށްފައިވަނީ 2018 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "ރާޒީ"އިންނެވެ. އާލިއާވެސް ވަނީ ފިލްމް "ރާޒީ"އިން ފިލްމް ފެއަރ އެވޯޑްސްގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހާސިލުކޮށްފައެވެ.

"ރާޒީ" ވެފައިވަނީ އާލިއާގެ ފިލްމީ ކެރިއަރގައިވެސް އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ކާމިޔާބު ފިލްމެވެ. އެގޮތުން މިއަހަރު ބޭއްވި ގިނަ އެވޯޑް ހަފްލާތަކަކުން އޭނާ ވަނީ މި ފިލްމުން އެންމެ މޮޅު އެކްޓްރެސްގެ މަޤާމު ހާޞިލުކޮށްފައެވެ.

އައިފާ އެވޯޑްސްގައި ފާހަގަކޮށްލެވޭ އެވޯޑްތައް ހާޞިލުކޮށްފައިވާ ފަރާތްތަކަށް ބަލާލާއިރު ސަޕޯޓިންގ ރޯލް ފިރިހެން "ސަންޖޫ"އިން ވިކީ ކައުޝަލް ހާޞިލުކޮށްފައިވާއިރު، ސަޕޯޓިންގ ރޯލް އަންހެން ހާޞިލުކޮށްފައިވަނީ ފިލްމް "ޕަތްމަވާތް"އިން އަދިތީ ރާރޯ ހައިދަރީއެވެ.

އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ މޭގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ ފިލްމް "ރާޒީ"އެވެ. އެންމެ މޮޅު ޑައިރެކްޝަންގެ އެވޯޑް ލިބިފައިވަނީ "އަންދާދުން"ގެ ޑައިރެކްޓަރ ސްރީ ރާމް ރަގުވާނަށެވެ. އަދި އެންމެ މޮޅު ވާހަކައަކަށް ހޮވިފައިވަނީވެސް "އަންދާދުން"އެވެ.

އެންމެ މޮޅު އަންހެން އަދި ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑްވެސް ލިބިފައިވަނީ ފިލްމް "ރާޒީ"އަށް ލަވަކިޔާދީފައިވާ އާޓިސްޓުންނަށެވެ. އެގޮތުން އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑް ހޯދާފައިވަނީ "ރާޒީ"ގެ "ޑިލްބަރޯ" ކިޔާދީފައިވާ ހާޝްދީޕް ކައުރާއި ވިބްހާ ސަރާއެވެ. އަދި ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑް ލިބިފައިވަނީ ހަމަ އެ ފިލްމުގައި ހިމެނޭ "އޭ ވަތަން" ކިޔާދީފައިވާ އަރްޖީދް ސިންހަށެވެ.

އައިފާ އެވްޑްސް ހަފްލާގެ 20 ވަނަ އެޑިޝަން ހޯސްޓްކޮށްދީފައިވަނީ ބޮލީވުޑްގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ތަރިއެއްކަމަށްވާ އަޔުޝްމަން ކުރާނާއި އޭނާގެ ކޮއްކޮ އަޕަރްޝަކްދީ ކުރާނާއެވެ.