ކުޅިވަރު

ފޯކައިދޫ ބަލިކޮށް ނިލަންދޫއިން ލީގުގައި އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފި


ދިރާގު ދިވެހި ޕްރެމިއާރ ލީގުގައި ނިލަންދޫއިން ފޯކައިދޫގެ މައްޗަށް ފަހު ވަގުތު ކުރި ހޯދައި ލީގުގައި އެޓީމްގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ލީގުގައި މިއަދު ހަވީރު ކުޅުނު މެޗް ނިލަންދޫއިން ކާމިޔާބުކުރީ، ފޯކައިދޫއިން ލީޑު އަތުލާފައި ވަނިކޮށް ވަނިކޮށް ފަހަތުންއަރައި 3-2ގެ ނަތިޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ނިލަންދޫއިންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި މިލަންޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަބޮކޫ ކްވެކޫ ލޫކަސްއެވެ.

ނަމަވެސް ފުރަތަމަ ފާހުގެ ފަހު ވަގުތުކޮޅު ފޯކައިދޫއިން ކައިރި ކައިރީގައި ދެލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު އަތުލިއެވެ. 43 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ ހަމަޖަމަކޮށްދިނީ ޔޫސުފް ޖުނައިދް ޒާހިރުއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމަށް ލީޑު ނަގައިދިނީ މުޙައްމަދު ޖައިލަމްއެވެ.

ފުރަތަމަ ހާފު 2-1ގެ ނަތީޖާއަކުން ފޯކައިދޫ ކުރީގައި އޮވެގެން ނިންމާލިނަމަވެސް ދެވަނަ ހާފުގައި ނިލަންދޫ ފެނުނީ ވަރުގަދަކޮށެވެ. އެގޮތުން އެޓީމުންވަނީ ދެލަނޑު ކާމިޔާބުކޮށް ލީގުގެ ފުރަތަމަ މޮޅު ހޯދާފައެވެ. މެޗުގެ 70ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޓޮޝީކީ އޮކޮމޯޓޯއެވެ. އަދި މެޗުން ނިލަންދޫ މޮޅުކޮށްދިން ލަނޑު އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަކްރަމް އިސްމާއިލްއެވެ.