ޚަބަރު

ތެލުގެ މަރުކަޒުތަކަށް ޙަމަލާދިނީ އީރާންކަން ޔަޤީން: ސަޢުދީ ޢަރަބިއްޔާ


ސަޢުދީ ޢަރަބިއްޔާގެ އިރުމަތީގެ ދެ ސަރަޙައްދުކަމަށްވާ އިބްޤީޤްއާއި ހިޖްރަތު ޚުރައިސްގައިވާ ތެލުގެ ކާރުޚާނާތަކަށް މިދިޔަ ހޮނިހިރު ދުވަހު ދިން ޙަމަލާތަކުގެ ފަހަތުގައިވަނީ އީރާންކަން ޔަޤީންވާކަމަށާއި އެ ޙަމަލާތައް އައިސްފައިވަނީ ޔަމަނުން ނޫންކަމަށް އެ ޤައުމުން ބުނެފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ ދިފާއީ ވުޒާރާގެ ތަރުޖަމާން ތުރުކީ އަލްމާލިކީ ވިދާޅުވީ ތެލުގެ ކާރުޚާނާތަކަށް ދިން ޙަމަލާތައް އައިސްފައިވަނީ އުތުރުންކަމަށާއި އެއީ ކޮން ތަނެއްކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަލްމާލިކީ ވިދާޅުވީ އިބްޤީޤްއާއި ހިޖްރަތު ޚުރައިސްގައިވާ އަރަމްކޯގެ ތެލުގެ ކާރުޚާނާތަކަށް ދިން ޙަމަލާތަކުގައި އީރާނުގައި އުފައްދާފައިވާ ޑެލްޓާ ވިންގު މަރުކާގެ 18 ޑްރޯނާއި އީރާނުން އުފައްދާފައިވާ 7 މިސައިލް ބޭނުންކޮށްފައިވާކަމަށެވެ. ނަމަވެސް ޙަމަލާތައް ދިނީ އީރާނުންތޯ ނޫސްވެރިން ކުރި ސުވާލުތަކުގެ ޖަވާބުގައި އަލްމާލިކީވަނީ ޙަމަލާތައް ދިނީ ސީދާ އީރާނުކަން ކަށަވަރުކޮށްދެއްވަން ފަސްޖެހިވަޑައިގެންފައެވެ.

އޭނާ ވިދާޅުވީ އެ ޢަމަލުތައް ހިންގި މީހުން ޝައްކެއްނެތް މިންވަރަށް ދެނެގަނެވިފައިވަކަމަށާއި އެ މީހުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެކަމަށެވެ. އެ ޙަމަލާތަކާގުޅޭ އިތުރު ތަޙުޤީޤުތަކުގައި ބައިނަލްއަޤްވާމީ ޓީމުތައް ބައިވެރިވާނެކަމަށްވެސް އަލްމާލީކީ ވިދާޅުވިއެވެ. އަލްމާލިކީ ވިދާޅުވީ މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާއިންދަނީ އެ ޤައުމުގެ ބައިވެރިންނާއެކު ވަރަށް ގާތުން މަސައްކަތްކުރަމުންކަމަށާއި ޙަމަލާތައްދިނީ ކޮންބައެއްކަން ކަށަވަރުވުމުން އެ ޙަމަލާތަކުގެ ބަދަލުހިފާނެކަމުގެ އިންޒާރުވެސް އަލްމާލިކީ ދެއްވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ސަޢުދީ ޢަރަބިއްޔާގެ އިބްޤީޤްއާއި ހިޖްރަތު ޚުރައިސްގައިވާ ތެލުގެ ކާރުޚާނާތަކަށް ދިން ޙަމަލާގެ ފަހަތުގައިވަނީ އީރާންކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނުމުގެ ކުރިން އެމެރިކާއިންވަނީ އެ ޙަމަލާތަކުގެ ތުޙުމަތު އީރާނުގެ މައްޗަށްކޮށްފައެވެ. އެމެރިކާގެ މަސްއޫލުވެރިއަކުވަނީ ސަޢުދީ ޢަރަބިއްޔާގެ ތެލުގެ ކާރުޚާނާތަކަށް ޙަމަލާދިނީ އީރާނުންކަމަށާއި އެކަމަށް 12 ކްރޫޒް މިސައިލާއި 20 މަތިންދާބޯޓު ބޭނުންކޮށްފައިވާކަމަށް ބުނެފައެވެ. ނަމަވެސް، މި ޙަމަލާގެ ޒިންމާއުފުލާފައިވަނީ ޔަމަނުގައި އެ ޤައުމުގެ ސަރުކާރާ ސަރަޙައްދީ އަސްކަރީ އިއްތިޙާދާ ހަނގުރާމަކުރަމުންދާ އިދިކޮޅު ހޫޘީ ޖަމާޢަތުންނެވެ.

ރިޔާޟްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ސަޢުދީ ޢަރަބިއްޔާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނުވަނީ އެ ޙަމަލާތަކުގައި ބޭނުންކުރި ހަތިޔާރުގެ ހަލާކުވެފައިވާ ބައެއް ބައިތައް ޢާންމުކުރައްވާފައެވެ.