ޚަބަރު

އައު ދައުރު ފެށުނުއިރު މާލިއްޔަތު ކޮމިޓީ ނުބަލާ 850 މައްސަލަ އޮތް، 10 އަހަރުވީ މައްސަލަތައްވެސް ހުރި - ޔައުޤޫބް


އާ ދައުރަށް މަޖިލިސް އިންތިޚާބުވިއިރު މާލިއްޔަތު ކޮމިޓީން ބަލަންޖެހޭ 850 މައްސަލަ ނުބެލި އޮތްކަމަށް ރައްޔިތުންގެ މަޖިލީހުންގެ މާލިއްޔަތު ކޮމިޓީގެ މެންބަރު ޔައުޤޫބް ޢަބްދުﷲ ވިދާޅުވިއެވެ.

ކައުންސިލްތަކުގެ މާލީ މުއާމަލާތްތައް ޑިޖިޓަލް ކުރުމަށް "އީ ކައުންސިލް ވިޔަ މޮޑިއުލް"އަށް ކައުންސިލްތަކުގެ މުއައްޒަފުން ތަމްރީން ކުރުމަށް ބޭއްވި ދެވަނަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން، މާލިއްޔަތު ކޮމިޓީގެ މެންބަރު ޔައުޤޫބް ޢަބްދުﷲ ވިދާޅުވީ، މާލިއްޔަތު ކޮމިޓީއަށް ހުށަޅާފައި މައްސަލަތަކުގެ ތެރޭގައި، ފާތުވިދިޔަ ދެ ދައުރު ނިމުނުއިރުވެސް ކޮމިޓީން ނުނިމިހުރި ގިނަ މައްސަލަތަކެއް ހުރިކަމަށެވެ. އަދި އޭގެ ތެރޭގައި ކައުންސިލްތަކާއި ގުޅުންހުރި މައްސަލަތައް ހުރިއިރު، މިކަން ނުބެލި ހުރުމަކީ ކައުންސިލްތައް ޒިންމާދާރުކުރުމަށް ހުރަސް އެޅޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޔައުޤޫބް ވިދާޅުވީ ބޭރުން ރާއްޖެއަށް ލިބުނު ބައެއް މާލީ އެހީތައް މަޝްރުޢޫތަކަށް ބޭނުންނުކޮށް އިޙުމާލުވުމުގެ ސަބަބުން، މިފަދަ އެހީތަން ބަންދުވެގެން ދިޔަކަންވެސް މައްސަލަތައް ބެލުމުން ފާހަގަވިކަމަށެވެ. އަދި އެ މައްސަލަތަކަކީ ކިތައްމެ ދިގު މުއްދަތެއް ވެފައިވާ މައްސަލައެއް ނަމަވެސް، އެކަން ބަލައި ޒިންމާ ނަގަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"850 އަށްވުރެ ގިނަ މައްސަލަ އޮތް ނުނިމި އާ ކޮމިޓީގެ މަސައްކަތް ފެށިއިރު. 2 ދައުރު ފާއިތުވެ ދިޔަ އިރުވެސް ނުނިމޭ. އާ ކޮމިޓީގެ މަސައްކަތުން 3މަސްތެރޭ މި އަދަދު 650އަށް ތިރިކުރެވިއްޖެ. މީގަ އެބަހުރި 10އަހަރު ކުރީގެ ރިޕޯޓްވެސް ނުބެލި." ޔައުޤޫބު ވިދާޅުވިއެވެ.

"އީ ކައުންސިލް ވިއަ މޮޑިއުލް"އަށް ކައުންސިލްތައް ތަމްރީން ކުރުމުގެ ދެވަނަ ބުރުގައި 93 ފަރާތްވަނީ ތަމްރީންކޮށްފައެވެ. ތަމްރީނުވި ބައިވެރިންނާއި ލިޔުން ހަވާލުކޮށްދެއްވައިި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އިން ސޯޝަލް ޕޮލިސީ ޑރ.މުސްތަފާ ލުޠުފީ ވިދާޅުވީ ކުރިން ފައިސާ ނެތިގެން ކައުންސިލްތަކުގެ މަސައްކަތް ކުރިއަށް ނުގެދެވި ތިބި ނަމަވެސް، އެކަން މި ސަރުކާރުން ބަދަލުކުރާނެކަމަށެވެ. އަދި ސަރުކާރުގެ އާމްދަނީގެ ބޮޑު އިންސައްތައެއް ކައުންސިލްތަކަށް ޚަރަދުކުރުމަށް ނިންމަވާފައިވާކަންވެސް ޑރ.މުސްޠަފާ ލުތުފީ ފާހަގަކުރެއްވިއެވެ.

"ދަޢުލަތުގެ އާމްދަނީގެ 5 އިންސައްތަ ކައުންސިލްތަކަށް ބަހާލުމަށް ހަމަޖެހިފައިވޭ. މިއީ ވަރަށް ބޮޑު އަދަދެއް. ބިމާއި، ފަރު ފަޅު ތަންތަނުން ލިބޭ އާމްދަނީގެ 40%ވެސް ކައުންސިލަށް ލިބޭގޮތަށް ވަނީ ހަމަޖައްސާފަ. އަދި ކުދި ޕްރޮޖެކްޓްސްތައްވެސް ރަށަށް މަންފާކުރާގޮތަށް ކައުންސިލްތަކަށް ދޭންވަނީ ނިންމާފަ" ޑރ.މުސްތަފާ ލުޠުފީ ވިދާޅުވިއެވެ.

"އީ ކައުންސިލް ވިޔަ މޮޑިއުލް"އަކީ ކައުންސިލްތަކުގެ މާލީ ކަންކަން އެއްވިއުގައަކުން އޮންލައިންކޮށް ކުރެވޭގޮތް ހެދުމަށް އުފެއްދި ޕޯޓަލެކެވެ. މި ޕޯޓަލް މެދުވެރިކޮށް ލިޔެކިޔުންތައް ބެލެހެއްޓުމާއި، މުޢާމަލާތްތައް ހިންގުމާއި، އަދި އޮޑިޓް ކުރުމަށް ލުއިފަސޭހަ ލިބިގެންދާނެއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީންވަނީ މިހާތަނަށް 50% ކައުންސިލް މި ޕޯޓަލަށް ތަމްރީންކޮށްފައެވެ. އޮކްޓޯބަރު މަހުގެ 3 ގެ ކުރިން ހުރިހާ ކައުންސިލްތައް ތަމްރީންކޮށް ނިމޭނެކަމަށް އެލްޖީއޭއިން ބުނެއެވެ. "ވިޔަ" ޕޯޓަލް ބޭނުންކުރަން ފަށާނީ އަންނަ އަހަރުއެވެ.