ޚަބަރު

އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ ޢަދަދު 220 މިލިއަން ޑޮލަރަށް އަރާ - ރައީސް


އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ ޢަދަދު 220 މިލިއަން ޑޮލަރަށް އަރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އޮޑިޓް ރިޕޯޓްތަކުން ފެންނަން އޮތީ 90 މިލިއަން ޑޮލަރުކަމަށް ވީނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަނުން ބެލިބެލުމުން މި އަދަދު 220 މިލިޔަން ޑޮލަރަށް އަރާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ 60 އެތައް ރަށެއް އެކި ގޮތްގޮތަށް ނުއަގުގައި، އެކިފަރާތްތަކަށް ދޫކުރެވިފައި ހުރިކަން މިހާތަނަށް ހާމަވެފައިވާކަމަށެވެ.

ރަށްތައް ދޫކުރެވިފައިވަނީ އެއްވެސް ހަމައެއް އުސޫލެއް ނެތިކަމަށްވާއިރު، މިކަންކަން ބެލުމުގައި އެސެޓް ރިކަވަރީ ކޮމިޝަނުން ޒިންމާދާރު މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިހާރުން މިހާރަށް އެގްރިމަންޓް ބާޠިލްކުރެވެން އޮތް ރަށްތަކެއްވާނަ އެކަންވެސް ކުރަމުންދާކަމަށާއި، މީގެ 2 ދުވަސް ކުރިންވެސް 1 ރަށުގެ އެގްރިމަންޓް ބާޠިލް ކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެގޮތަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 12 ރަށެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، މަަސއްކަތް ކުރަމުންދާ 3 ރަށެއްގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި 3 ރަށެއްގެ 21 އިންސައްތައާއި، 49 އިންސައްތަ މަސައްކަތްވެސް ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅު މި ރަށްތަކުގެ މަސައްކަތް އެކި މަރުހަލާގައިވާއިރު ސަރުކާރުން ފިޔަވަޅު އެޅުމުގައި އިންވެސްޓަރސް ކޮންފިޑެންސް ނުގެއްލޭގޮތަށް ހައްލުހޯދުމަށް އިސްކަން ދެއްވާނެ ކަމަށެވެ،

ރައީސް ވިދާޅުވީ މިމައްސަލައާ ގުޅުންހުރި މައްސަލަތަކެއް ކޯޓު މަރުހަލާގައިވާއިރު މިކަމުގައި ޝާމިލުވާ އެހެންފަރާތްތަކުގެ މައްޗަށްވެސް ދައުވާކުރުމަށް މިމަހުގެ ފަހުކޮޅު ފޮނުވުމަށް ތައްޔާރު ވަމުންދާކަމަށެވެ. ޤާނޫނާއި ޚިލާފް މިފަދަ އަމަލުތަކަކީ ސަރުކާރުން ބަލައިގަންނާނެކަމެއްނޫންކަމަށާއި، ޤަނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިކަމުގައި އަޅުއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ޢަދަދު 1.3 ބިލިއަން ޑޮލަރަށް އަރައެވެ. އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް އެސް.އޯ.އެފްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު، ދެން އެންމެ ގިނަ ފައިސާ ޖަމާކޮށްފައިވަނީ މިލޭނިއަމް ކެޕިޓަލްއާއި މޮންޓަލިއަން އިންޓަރނޭޝަންލް ކުންފުނީގެ އެކައުންޓަށްކަމަށް އޭސީސީން ނެރުނު ތަޙްޤީޤީ ރިޕޯޓުން ވަނީ ހާމަވެފައެވެ.