ޚަބަރު

އިންޑިއާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގެދޮރަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ


އިންޑިއާގެ އުތުރަށް ބޯކޮށް ވާރޭވެހި ގަންގާކޯރުގެ ފެންގަނޑު ބަންޑުންވުމުގެ ސަބަބުން ގެދޮރަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އިންޑިއާގެ އުތުރުގެ ދެ ރަށެއްކަމަށްވާ ވަރާނަސީއާއި ޕްރިޔާގްރާޖްގައި މީހުން ދިރިއުޅޭ ބައެއް ސަރަޙައްދުތަކުގައި 12 ފޫޓަށްވުރެ މައްޗަށްވަނީ ފެންބޮޑުވެފައެވެ. ޕްރިޔާގްރާޖްގެ ބައެއް ޢިމާރާތްތަކުގެ ދެވަނަ ފަންގިފިލާއާ ހަމައަށް ފެންގަނޑު އުފުލިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެ ހިސާބުގައި ދިރިއުޅޭ ބައެއް ރައްޔިތުން ފެންގަނޑު ތެރެއިން ދަތުރުކުރުމަށް ކުދި ބޯޓުފަހަރު ބޭނުންކުރަމުންދާއިރު، އެތައްބަޔަކުވަނީ ދުރު ހިސާބުތަކުގައިވާ އެމީހުންގެ ރައްޓެހިންނާއި ތިމާގެ މީހުންގެ ގެތަކަށް ބަދަލުވެފައެވެ. ޙާލުގައިޖެހުނު މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އަދި ފެށިފައިނުވާކަމަށް އެ ހިސާބުތަކުގެ ރައްޔިތުން ބުނެއެވެ.

އިންޑިއާގައި ދިރިއުޅޭ 1.25 ބިލިޔަން މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން ދަނޑުހެއްދުމަށާއި އެނޫންވެސް ބައެއް ކަންކަމަށް ބަރޯސާވަނީ ވާރޭފެނަށެވެ. ނަމަވެސް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޮންމެ އަހަރަކު ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމާއި ފެނުގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކާ ކުރިމަތިލާންޖެހެއެވެ.