ޚަބަރު

ރިޟުވާނުގެ މަރުގެ މައްސަލާގައި ދަޢުވާކުރަން އަންނަ ހަފްތާގައި ޕީޖީއަށް ފޮނުވާނެ - ރައީސް


މަރާލާފައިވާ ނޫސްވެރިޔާ ރިޟުވާން ޢަބްދުﷲގެ މަރުގެ މައްސަލާގައި ދައުވާކުރަންޖެހޭ ފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރުމަށް އަންނަ ހަފްތާގައި ޕީޖީއަށް ފޮނުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ރިޟުވާނުގެ މައްސަލައިގެ ރިޕޯޓުނިމި ދައުވާކުރުމުގެ މަރުހަލާއަށް ދެވިފައިވާކަމަށެވެ. އެގޮތުން އަންނަ ހަފްތާގައި ޕީޖީއަށް މިރިޕޯޓު ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންގެ ތެރެއިން ޔާމީން ރަޝީދުގެ މަރުގެ ރިޕޯޓްވެސް ނިމިފައިވާކަމަށާ، ނަމަވެސް ޝަރީއަތުގައި މައްސަލަ ކުރިއަށްދާތީ ރިޕޯޓް ޢާންމުކުރުން މަޑު ޖައްސާލާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަނިޔާވެރިގޮތަކަށް މަރާލާފައިވާ އަނަސްގެ މަރުގެ މައްސަލައިގެ ރިޕޯޓްވެސް ނިމިފައިވާކަމަށާ، ނަމަވެސް 2 މީހެއްގެ ފަރާތުން ލިބެންޖެހޭ މަޢުލޫމާތު އަދި ނުލިބޭތީ އެރިޕޯޓް މުޅިން ފުރިހަމަ ނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ބަންގްލަދޭޝްގައި މަރުވެފައިވާ ރައުދާ އާތިފްގެ މަރުގެ މައްސަލަވެސް މިހާރު ބަލައިނިމި ރިޕޯޓް ޢާންމުކުރުމާ ހަމައަށް ދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.