ޚަބަރު

ފެލިވަރު މަސް ފެކްޓްރީއަށް 33 އަހަރު، އަދިވެސް 1986ގައި!


ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމުގެ ވާހަކަ ދެކެވެމުން އަންނައިރު، މަސްވެރިން އަތުން މަސް ގަނެ އެއިން މަންފާ ހޯދުމަށް މަސް ޕްރޮސެސްކުރާ ކުންފުނިތައް ރާއްޖޭގައި މަދެވެ. މަސް ޕްރޮސެސްކުރާ އެންމެ ބޮޑު ކުންފުނި މިފްކޯގެ ފެލިވަރުވެސް އަދިވެސް ފެންނަންއޮތީ މީގެ 33 އަހަރުކުރިން އެ ކުންފުނީގެ ޤާއިމުކުރި ވަސީލަތްތަކާއެކު އެކަންޏެވެ.

ފެލިވަރު ކާރުހާނާގެ އުފެއްދުން

"ފެލިވަރު ޓޫނާ ޕްރޮސެސިންގް ޕްލާންޓް"ގެ ގޮތުގައި ފެލިވަރު މަސް ކާރުޚާނާ އުފެއްދީ 1986 ވަނަ އަހަރުއެވެ. މިއީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަސް ޕްރޮސެސްކުރާ ކުންފުންޏެވެ. ފެލިވަރު މަސް ކާރުޚާނާ ހުޅުވީ ދުވާލެއްގެ މައްޗަށް 50 ޓަނުގެ މަސް، ދަޅުގައި ބަންދުކުރެވޭ ވަސީލަތްތަކާއެކުއެވެ. އެއީ މީގެ 33 އަހަރު ކުރިންނެވެ. މިމަސައްކަތާއެކު ކޭނަރީގައި މަަސް ބަންދުކުރަން ބޭނުންކުރާ ހުސް ދަޅު އެފެއްދުމާއި މަހުގެ ތެރެއިން ދަޅަށް ނާޅާ އުކާލާ ބައި މަސް ކުނޑިއަށް ބަދަލުކުރުމަށް ފިޝް މީލް ޕްލާންޓެއްވެސް ބެހެއްޓިއެވެ.

750ޓަނުގެ ފިނިކުރި މަސް ރައްކާކުރެވޭ ގުދަނަކާއި، މަސް ކިރާ ސަރަޙައްދު ބޮޑުކޮށް މަސްކިރުމަށް ޚާއްސަ ބަނދަރެއްވެސް އެފެކްޓްރީގައި ހެދިއެވެ. ކަނޑު މަތީގައި އުޅޭ މަސް ދޯނިފަހަރަށް ފަސޭހަކުރުމަށް މަސްގަތުމަށް 4 މަސްކިރާ ބޯޓުވެސް ބޭނުންކުރަން ފެލިވަރުގައި އޭރު ފެށިއެވެ. ކުދި ބޯޓުފަހަރު މަރާމާތުކުރުމަށް ސްލިޕްވޭއަކާއިއެކު އެއިރަށް އެންމެ ފުރިހަމަ މަސް ފެކްޓްރީއެއްގެ ގޮތުގައި މިފްކޯ ފެލިވަރުގެ މަސައްކަތްތައް ފެށީ 33އަހަރު ކުރިންނެވެ.

ފެލިވަރުގެ ކާރުހާނާ ތަރައްޤީނުވެ އޮތް ގޮތަށް

ފެލިވަރު މަސް ފެކްޓްރީއަށް މީގެ 33 އަހަރު ކުރިން ޒިޔާރަތްކުރި މީހަކު، މިއަދު އެތަނަށް ދިޔަޔަސް ފެކްޓްރީ ފެންނާނީ ހަމަ އެގޮތަށެވެ. މިހާރުވެސް ފެލިވަރިގައި ރައްކާކުރެވެނީ 750ޓަނުގެ ފިނިކުރި މަހެވެ. ދަޅު މަހުގެ ގޮތުގައި ބަންދުކުރެވެނީ 50ޓަނުގެ ދަޅު މަހެވެ. މިއަށް އިތުރުވީ ޕެކެޓުގައި ބަންދުކުރާ 15ޓަނުގެ މަސް އެކަންޏެވެ. ފެލިވަރުގައި މަސް ދަޅު ރައްކާކުރެވޭ ކެޕޭސިޓީއަކީ 158ހާސް މަސް ދަޅު ކޭހެވެ.

މަސްވެރިން އަތުން މަސްގަނެ ރައްކާކުރުމަށް ކަނޑުމަތީގައި މިހާރު ހަރަކާތެރިވަނީ ފެލިވަރުގެ މަސްކިރާ ދެ ބޯޓެވެ. އެއީ ގާތްގަނަޑަކަށް 40އާއި 25ޓަނުގެ މަސް ކިރޭ ބޯޓުތަކެވެ. މި ބޯޓްތައްވެސް ހުރީ ދަބަރަށްވެ ފުނޑިފައެވެ.

މިއީ ރާއްޖޭގައި މަސްގަނެ މަސް އެކްސްޕޯޓްކުރާ އެންމެ ބޮޑު ފެކްޓްރީ ފެލިވަރު މަސް ފެކްޓްރީގެ ޙާލަތު ފެންނަން އޮތްގޮތެވެ. ފައިދާއެއް ނެތި މިފްކޯ ހިންގަމުން އަންނައިރު، މީގެ އެންމެ ބޮޑު ސަބަބެއްކަމަށް ކުންފުނީގެ ބެލެނިވެރި ކުންފުނި އެސްޓީއޯއިން ބުނަމުންދަނީ ވަސީލަތްތައް މަދުވުމެވެ.

ފެލިވަރުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި، މިފްކޯގެ ޙާލަތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ކެޕޭސިޓީ އިތުރު ނުކުރެވުމާއި، ބޭނުންވާވަރަށް ފެކްޓްރިއަށް ބޭނުންވާ ވަސީލަތްތައް އާ ނުކުރެވުމުގެ ސަބަބުން ފެކްޓްރީ އޮތީ ވަރަށް ދަށް ޙަލަަތަކަށް ވެއްޓިފައިކަމަށެވެ. މިފްކޯގެ 101ނަންބަރު މަސްކިރާ ބޯޓުގައި ހުރެ ދިން އިންޓަވިއުގައި އަމްރު ވިދާޅުވީ އެބޯޓަކީ ކުރިން 100 ޓަނުގެ މަސް ކިރޭ ބޯޓެއް ނަމަވެސް، މިހާރު ބޯޓު ހަލާކުވެ މަސް ކިރޭވަރު 3ގުނަ ދަށްވެފައިވާކަމަށެވެ.

"ބޯޓުން ތަންގަނޑުގަނޑު ހަލާކުވެ، ކޮންކްރީޓް އަޅައިގެން ބައްދާފައި މިހުރީ. އަސްލު 100ޓަނު ކިރޭ ބޯޓެއް، މިހާރު ކިރެނީ 30ޓަނު. މަސް ބޯޓުފަހަރު ހުރީ ވީރާނާވެފަ." އަމްރު ވިދާޅުވިއެވެ.

މިފްކޯގައި މިހާރު ބޭނުންކުރަމުން އަންނަނީ މަސްކިރާ އަށެއްކަ ބޯޓެވެ. މި ބޯޓުތަކުގެ ކެޕޭސިޓީއަކީ 45އާއި 25އާ ދެމެދުގެ ޓަނުގެ މަސްކިރޭ ކެޕޭސިޓީއެވެ. މިފްކޯއިން ވިދާޅުވެފައިވަނީ ރަނގަޅަށް މަސްބާނާ ދުވަސްތަކުގައި އެންމެ ދޯންޏަކުންވެސް 30އެއްހައި ޓަނުގެ މަސް ބާނާކަމަށެވެ.

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ ކުންފުނީގައި ބޭނުންވާ ވަރަށް ވަސީލަތް ނެތުމަކީ މަސްވެރިކަމުގެ ދާއިރާ ފުޅާވުމަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އޭނާ ވިދާޅުވީ ރަނގަޅަށް މަސް ބާނާއިރު 5 ، 6 ދޯނިން ބާނާ މަހުން މިފްކޯގެ ކެޕޭސިޓީ ފުރޭކަމަށެވެ.

"2 ހަފްތާއެއްހާ ދުވަހުން ދޯންޏަކުން އެބަ ކިރާ 250ހައި ޓަނުގެ މަސް. އެއީ ހަތަރު މިލިއަނާއި ގާތްކުރާ ޢަދަދެއް. މަސްވެރިކަން ރަނގަޅުއިރު ދަތިވޭ ޚިދުމަތްދޭން." މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ފައުޒީ ވިދާޅުވިއެވެ.

ކޫއްޑޫއާއި ކަލެކްޓަރ ވެސަލްތަކުގައި ރައްކާކުރެވޭ މަހާއެކު މިފްކޯގެ ޖުމްލަ ކެޕޭސިޓީ 430އަށް އަރާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިފްކޯގެ އަނެއް ޝަކުވާއަކީ ދުރުހިސާބުތަކަށް ކަލެކްޓަރ ވެސަލްތައް ފޮނުވަން ޖެހުމުން ފެކްޓްރީ ހުންނަ ރަށަށް އަނބުރާ އުޅަނދު އައުމަށް ނަގާ ވަގުތެވެ.

އެގޮތުން މިހާރު ރާއްޖޭގެ އުތުރަށް މަސްވެރިކަން ރަނގަޅުވެފައިވާއިރު، ޚިދުމަތްދެނީ ކޫއްޑޫއިން މަސްކިރާ ބޯޓުތައް ގެނެސްގެންނެވެ. މިފްކޯއިން ބުނެފައިވަނީ މި ބޯޓުތައް އުތުރުން ދެކުނަށް އައިސް ދިއުމަށް ޖުމްލަ 4 ދުވަސް ނަގާކަމަށެވެ. ދަތުރު ދިގުވާތީ މަހުގެ ކޮލިޓީވެސް ދައްވާކަމަށް މިފްކޯއިން ވިދާޅުވެއެވެ.

ކާރުހާނާގެ ހާލާތު ރަގަޅުކުރުމަށް ޕްލޭންތަކެއް

މިފްކޯ މި ޙާލަތުން އަރައިގަތުމަށް ސަރުކާރުންދަނީ ކުންފުނި އިތުރަށް ފުޅާކުރުމުގެ ޕްލޭންއެއް ތައްޔާރުކުރައްވަމުންނެވެ. މިފްކޯގެ ބެލެނިވެރި ކުންފުނި އެސްޓީއޯގެ އެމްޑީ އަމްރު ވިދާޅުވީ މިފްކޯ މިޙާލަތުން އަރައިގަތުމަށް ކުންފުނި ފުޅާކުރުމުގެ ޕްލޭންތައް ހަދަމުންދާކަމަށެވެ. އެގޮތުން މިހާރު މިކަމަށް ބޭނުންވާ ފަންޑު ލިބިފައިވާކަމަށާއި، ކުރިއަށްދަނީ ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް އަމްރު ވިދާޅުވިއެވެ.

މިފްކޯއިން ވިދާޅުވެފައިވަނީ މި މަޝްރުޢުގެދަށުން ފެލިވަރުގެ ކެޕޭސިޓީ އިތުރުކޮށް، އިތުރު ފެކްޓްރީއެއް ހެދުމުގެ ވިސްނުންވެސް ގެންގުޅޭކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލް ހާމަކުރައްވާފައެއް ނުވެއެވެ. އެސްޓީއޯގެ ޢަމާޒަކީ މިއަހަރަކީ ގެއްލުންނުވެ ހިންގާ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހެދުމެވެ.