ޚަބަރު

ބްރިޖްގެ ސާވޭއާއިއެކު ކަނޑު އަޑީގެ ސްކޭންތަކެއް ކުރަނީ


މާލެ-ހުޅުލެ ބްރިޖުގެ ތަނބުތައް ހުންނާނެ ތަންތަން ފާހަގަ ކުރަން އެ ދޭތެރޭގެ ކަނޑު އަޑީގެ ސްކޭންތަކެއް މިއަދު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.ހައުސިންގ މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެމްއެންޑީއެފްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ މި ސްކޭން  ދެ ހަފުތާ ނުވަތަ ތިން ހަފުތާއެއްހާ ދުވަސް ވަންދެން ކުރިއަށްދާނެ ކަމަށެވެ.ކަނޑު އަޑީގެ ސްކޭން ހަދައި ނިމޭއިރު، ވަރަށް ތަފުސީލީ މައުލޫމާތުތަކެއް އެއް ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.މިމަހުގެ ތެރޭގައި ޗައިނާ ސަރުކާރުން ބްރިޖްގެ ދެ ޑިޒައިނެއް ސަރުކާރަށް ހުށަހަޅާނެ ކަމަށާއި އެ ހިސާބުން ސަރުކާރުން އިހުތިޔާރު ކުރާ ޑިޒައިނަކަށް ބްރިޖްގެ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރު ހޯދަން ޗައިނާގައި ފެށިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.ބްރިޖް އަޅާ ސަރަހައްދުގެ ކަނޑު އަޑި ސްކޭން ކުރަން އެމްއެންޑީއެފްއިން މިއަދު ފަށާއިރު، ހުޅުމާލެ އާއި މާލެ އާއި ދެމެދު އަޅަން ހަމަޖެހިފައިވާ ބްރިޖު އެޅުމަށްޓަކައި ބޯ ހޯލް ތޮރުފުމުގެ މަސައްކަތް މިދިޔަ މަހުގެ 20 ވަނަ ދުވަހު ޗައިނާގެ ތަޖުރިބާކާރުން ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން އެއްގަމާއި ކަނޑު ހިމެނޭ ގޮތަށް ޖުމްލަ 29 ތަނަކުން ބޯހޯލް ތޮރުފުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ގާތްގަނޑަކަށް ހަ އިންޗި ބޮޑު މިނުގެ ފުޅާމިނުގެ ބޯހޯލް އެންމެ ފުން މިނުގައި 50 މީޓަރަށް ކަނޑު އަޑިން ތޮރުފިގެން ދާނެއެވެ.ބޯހޯލްގެ މަސައްކަތަކީ ބްރިޖްގެ ފައުންޑޭޝަން އެޅުމަށް ބޭނުންވާނެ ސާމާނަކީ ކޮބައިތޯ ބެލުމަށާއި އެ ނޫން ވެސް މުހިއްމު މައުލޫމާތު އެއް ކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ. މިނިސްޓަރު ވިދާޅުވީ ބްރިޖްގެ އަމަލީ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެެރޭގައި ފަށާނެ ކަަމަށެވެ. އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތަކަށް ބޭނުންވާ ސައިޓްތައް މާލެ އާއި ހުޅުލެ އަދި ހުޅުމާލެއިން މިހާރު ޗައިނާގެ ޓީމުން ފާހަގަކޮށްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން  އޮކްޓޯބަރު ނިމެންވާ އިރަށް އެ ބިންތައް ކަނޑައަޅައި، ފެންސް ޖަހައި އެ ބިންތައް ހަވާލު ކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.