ވިޔަފާރި

ޖޮބްފެއަރއިން 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިވާނެ - ޓޫރިޒަމް މިނިސްޓަރ


ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ޒުވާނުންނަށް ޙާއްސަކޮށްގެން ބާއްވާ ޖޮބްފެއަރއިން 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ދުވަހާގުޅުވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ކިޑްސް ފުޓްބޯލް ފިއެސްޓާ"ގެ ގުރުއަތުނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާއިރު، ޒުވާނުންނަށް ޙާއްސަކޮށްގެން ބާއްވާ ޖޮބް ފެއަރ އޮންނާނީ މިމަހުގެ 27 އިން 29 އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީ ފަރުކޮޅުފުށީގައެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، މި ޖޮބްފެއަރގައި ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ރިސޯޓް ބްރޭންޑްތަކުން ބައިވެރިވާއިރު، 3 ދުވަހުގެ މި ހަރަކާތުން އެކަނިވެސް 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވޭނެކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން 350 ވަޒީފާގެ އިންޓަރވިއު ކުރިއަށްދާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިވަގުތާ ހަމައަށް އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން ބޭނުން ޖުމްލަ 500 އަށްވުރެ ގިނަ ފުރުޞަތު 3 ދުވަހުގެ ތެރޭގައި ފަރުކޮޅުފުށީގައި ލިބިގެންދާނެ.. އޭގެ ތެރޭގައި ޖުމްލަ 350 ވަޒީފާގެ އިންޓަރވިއު ރާއްޖޭގެ ރިސޯޓުތަކުން އެތަނުގައި ކުރިއަށްގެންދާނެ. އޭގެ މާނައަކީ 350 މީހުންގެ ދިރިއުޅުން އަޅުގަނޑުމެންނަށް މި ހަރަކާތުގެ ތެރެއިން ބަދަލުކޮށްލެވޭނެއޭ. އަޅުގަނޑު އެދެނީ ރާއްޖޭގެ ރިސޯޓުތަކަށް ވަޒީފާއަށްދާން ބޭނުންވާ ވިހާވެސް ގިނަ ޒުވާނުން މި ހަރަކާތުގައި ބައިވެރިވުން" މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، ޖޮބްފެއަރ ކުރިއަށްދާ 3 ދުވަހު، މާލޭ 2 ނަންބަރު ޖެޓީން ފަރުކޮޅުފުއްޓަށް ދިއުމުގެ ހުރިހާ އިންތިޒާމެއް މިނިސްޓްރީގެ ފަރާތުން ހިލޭ ހަމަޖައްސައިދެއްވާނެކަމަށެވެ. އަދި ޖޮބްފެއަރގައި ކުރިއަށްދާ އިންޓަރވިއުތަކުން ހޮވޭ ފަރާތްތަކަށް ވަޒީފާ ލިބުނުތޯ މިނިސްޓްރީން ކަށަވަރުކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"2 ނަންބަރު ޖެޓީއިން ހިލޭ ފަރުކޮޅުފުއްޓަށް ދެވޭނެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސައިދޭނެ.. ހަވީރާއި ރޭގަނޑު ކުރިއަށްދާ މި ޖޮބްފެއަރގައި ރާއްޖޭގެ ހުރިހާ ބޮޑެތި ރިސޯޓް ބްރޭންޑްތަކުން މިހާރު ވަނީ ބައިވެރިވެފައި.. އަޅުގަނޑުމެން ޔަޤީންކުރާނަން އެ ރިސޯޓުން އެދުވަހު ވަޒީފާގެ ހެކިވެރިއަކަށް މިނިސްޓްރީން ސޮއިކޮށްފައި ވަޒީފާގެ ފުރުޞަތު ޒުވާނުންނަށް ކަށަވަރުވޭތޯ." މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙާއްސަ ޖޮބްފެއަރއެއް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރުވަމުންދާއިރު، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައިވެސް ކަނޑައަޅާފައިވަނީ ފަތުރުވެރިކަމާއި ވަޒީފާއެވެ.